މެޗް ނިމެން ގާތްވެފައި ވަނިކޮށް ބްރޫނޯ ފެނާންޑޭސް ކާމިޔާބު ކުރި ޕެނަލްޓީން ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުކޮށް މެންޗެސްޓާ ޔުނައިޓެޑުން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރަމުން އަންނަ އުއްމީދުތައް ދަމަހައްޓައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗް އެއްވަރުވީ 1-1 އިންނެވެ. މިއީ ކޮވިޑް-19 ގެ ސަބަބުން ލީގް މެދުކަނޑާލާފައި އޮތުމަށްފަހު މި މަހުގެ 17 ވަނަ ދުވަހު އަލުން ފެށި ފަހުން މި ދެ ޓީމުން ވެސް ކުޅުނު ފުރަތަމަ މެޗެވެ. ރޭ ލިބުނު ޕޮއިންޓާއެކު ޔުނައިޓެޑް ލީގުގެ ފަސް ވަނައިގައި އޮތީ 30 މެޗުން މުޅިއެކު 46 ޕޮއިންޓް ހަމަކޮށްގެންނެވެ. އަށް ވަނައިގައި ޓޮޓެންހަމް އޮތީ 30 މެޗުން 42 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗްގައި ފުރަތަމަ ގޯލެއް ޖެހުމާއި ގާތަށް ދިޔައީ ޔުނައިޓެޑުންނެވެ. މެޗްގެ ކުރީކޮޅު ލިބުނު ފުރުސަތެއްގައި އޭރިއާ ތެރެއިން މާކަސް ރެޝްފޯޑް ޖެހި ބޯޅައިގެ ހުރަހަކަށްވީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރީސްއެވެ. ރަޝްފޯޑްގެ ހަމަލާ އަށްފަހު ދެން ފެނިގެންދިޔައީ ޓޮޓެންހަމުން ކުޅުން ރަނގަޅުކޮށް ކީޕަރު ޑޭވިޑް ޑެހެއާގެ ގޯލަށް ބާރު ބޮޑު ކުރި ތަނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ސްޓީވެން ބާގްވެއިން ވަނީ ގޯލެއް ޖަހައި ޓޮޓެންހަމަށް ލީޑް ނަގައިދީފައެވެ.

މެޗްގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ކުރިއަށް ޖެހިގެން ނަތީޖާ ހަމަހަމަކުރަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ކޯޗް ސޯލްޝެއާ ވަނީ އަނިޔާގެ ސަބަބުން ބޮޑު ބްރޭކެއް ނެގުމަށްފަހު ދާދި ފަހުން ޓީމާ ގުޅުނު ފްރާންސްގެ ތަރި ޕައުލް ޕޮގްބާ މި ހާފުގައި ކުޅެން އަރުވައިފައެވެ.

ލިބުނު ޕެނަލްޓީ އަކުން ޔުނައިޓެޑުން ނަތީޖާ އެއްވަރު ކުރީ މެޗު ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށެވެ. މިއީ ޕޮގްބާ ހޯދައި ދިން ޕެނަލްޓީއެކެވެ. މިއީ ޔުނައިޓެޑަށް ކުޅެދިން ހަ މެޗުގެ ތެރެއިން ފެނާންޑޭސް ޖެހި ތިން ވަނަ ގޯލެވެ. އޭނާ ވަނީ ތިން ގޯލް ޖެހުމުގެ އިތުރަށް ތިން އެސިސްޓް ވެސް މި މުއްދަތުގައި ކާމިޔާބުކޮށްފައެވެ.

މެޗްގެ ފަހު ވަގުތުގައި ފެނާންޑޭސް އަށް ފައުލުކުރި ކަމަށް ބަލައި ރެފްރީ ޖޯން މޮސް އިތުރު ޕެނަލްޓީ އެއް ޔުނައިޓެޑަށް ދިނެވެ. ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ފަހުން އެ ޕެނަލްޓީ ނުދޭން ނިންމީއެވެ.