އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން 4-1 ގެ ނަތީޖާއިން މޮޅުވެ ނިއު ރޭޑިއަންޓުން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ދަމަހައްޓައިފި އެވެ.

މިއަދުގެ މެޗު ފަށައިގެން ހިންދެމި ނުލެވި އުޅެނިކޮށް ނިއުއިން ވަނީ ލީޑް ހޯދާފަ އެވެ. އެގޮތުން މެޗުގެ 3 ވަނަ މިނެޓްގައި ނިއުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ) އެވެ. އަދި ފުރަތަމަ ހާފުގެ މެދަކާ ހިސާބުން މެޗުގެ 19 ވަނަ މިނެޓްގައި ނިއުއަށް ލީޑު ފުޅާކޮށްދިނީވެސް ދަނގަޑޭ އެވެ.

ޢަޝްފާގުގެ ދެވަނަ ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅެމުންދިޔަ ނިއުއަށް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑް ފުޅާކޮށްދިނީ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ އެ ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފްގެ 36 ވަނަ މިނެޓްގައެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްފަދައިން ދެވަނަ ހާފްގައި ވެސް މެޗު ޑޮމިނޭޓްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ނިއު އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓްގައި ނިއުއިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. ނިއުގެ ފަހު ލަނޑު ޖަހައިދިނީ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.

މިމެޗުގައި ގްރީން ސްޓްރީޓަށް ސުން ކަނޑުވާލަދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އިއްލިއާ ސޮބޮލް އެވެ. އޭނާ އެލަނޑު ކާމިޔާބު ކުރީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ.

މިއަދު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓަށް ދެ ލަނޑު ޖަހައިދިން ޓީމުގެ ކެޕްޓަން އަލީ އަޝްފާގްއެވެ.

މިއަދުގެ މޮޅާއެކު ނިއު އެއްވަނައިގައި މިހާރު އޮތީ 19 ޕޮއިންޓާއެކުއެވެ. ދެވަނަ މަގާމުގައިވާ މާޒިޔާއަށް ލިބިފައިވަނީ 16 ޕޮއިންޓެވެ.

މާލޭ ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ ވިކްޓަރީއާއި ޔުނައިޓެޑް ވިކްޓަރީއެވެ.