ޔުއެފާ އިން ޗެމްޕިއަންސް ލީގު ފައިނަލުގައި ރިއަލް މެޑްރިޑު އަދި ލިވަޕޫލް ބައްދަލު ކުރާ މެޗުގެ ރެފްރީއަކު ހަމަޖައްސައިފިއެވެ.

މި މެޗުގެ ރެފްރީއަކަށް ހަމަ ޖައްސާފައި ވަނީ ސާބިއާ އަށް ނިސްބަތްވާ މިލޮރަޑް މެޒިކް އެވެ.

މެޒިކްއަށް މި މެޗުގެ ރެފްރީކަން ދީފައިވާއިރު، އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕުގައި ޕޯޗުގަލް ކުޅުނު މެޗެއްގައި މެޒިކް ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން ރޮނާލްޑޯ ހިތް ހަމަ ޖެހޭނެ ހެނެއް ހީނުވާ ކަމަށް ގިނަ މީހުން ބުނެއެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޖަރުމަނު 0-4 ގެނަތީޖާ އަކުން ޕޯޗުގަލް ބަލި ކުރި މެޗުގައި ރޮނާލްޑޯ ވަނީ މެޒިކް އަށް ބަހުގެ ހަމަލާތައް ފޮނުވާފައެވެ. އެ މެޗުގައި ކުރީގެ ރިއަލް މެޑްރިޑުގެ ޑިފެންޑަރު ޕެޕޭ ވަނީ ރަތް ކާޑެއް ދެއްކުމަށްފަހު ދަނޑުން ފޮނުވާލާފައެވެ. އަދި މާރިއޯ ގޮޓްޒޭ އަށް ވަނީ ޕެރޭރާ ކުރި ކުޑަ ފައުލް އަކަށް ޕެނަލްޓީއެއް ވެސް ދީފައެވެ.

މެޒިކް ވަނީ މިއަހަރުގެ ކުރީ ކޮޅުގައި ރިއަލް މެޑްރިޑު ކުޅުނު މެޗެއްގައި ރެފްރީ ކަން ކޮށްފައެވެ. އިތުރު ވަގުތުގައި މޮޅުވެގެން ޔުއެފާ ސުޕާ ކަޕުގެ ތަށި ރިއަލް މެޑްރިޑުން އުފުލާލި މި މެޗުގައި މެޒިކް ވަނީ ސެވިއްޔާގެ ޓިމޮތީ ކޮލޮޖެއިކަޒް ދަނޑުން ބާލާފައެވެ.

45 އަހަރުގެ މެޒިކް އެންމެ ފަހުން ލިވަޕޫލް ކުޅުނު މެޗެއްގައި ރެފްރީކަން ކޮށްފައި ވަނީ 2016 ވަނަ އަހަރު 1-1 ގެ ނަތީޖާ އަކުން މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް އޯލްޑް ޓްރެފޯޑުގައި އެއްވަރުވި މެޗުގައެވެ.

އިނގިރޭސިވިލާތާއި ސްލޮވޭކިއާ ކުޅުނު މެޗެއް ވެސް މެޒިކް ރެފްރީކަން ކޮށްފައި ވެއެވެ. މި މެޗުގައި ފަހު ވަގުތު ލިވަޕޫލްގެ ކުޅުންތެރިޔާ އެޑަމް ލަލާނާ ގޯލެއް ޖަހައި މެޗުން މޮޅުވި އިރު އޭރު ލިވަޕޫލް އަށް ކުޅޭ މާޓިން ސްކާޓެލް އަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާފައެވެ.

މެޒިކް މިސީޒަނުގައި ޗެމްޕިއަންސް ލީގުގައި ފަސް މެޗެއްގައި ރެފްރީކަން ކޮށްފައިވެއެވެ. މި ފަސް މެޗުގައި އޭނާ ވަނީ ޖުމްލަ 18 ރީނދޫ ކާޑު ދައްކާފައެވެ.