ފަހު ވަގުތު ނީލް މޯޕޭ ޖެހި ގޯލުން، ބްރައިޓަން އަތުން ބަލިވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް އާސެނަލުން ކުރާ މަސަތްކަތަށް އަނެއްކާވެސް ހުރަސްތަކެއް އެޅިއްޖެއެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 އިންނެވެ. އާސެނަލް އޮތީ 40 ޕޮއިންޓާ އެކު ތާވަލުގެ ނުވަ ވަނައިގައެވެ. މިވަގުތު ހަތަރު ވަނައިގައި އޮތީ އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން 48 ޕޮއިންޓާ އެކު ވާދަވެރި ޗެލްސީ އެވެ.

ކޮވިޑް-19 ގެ ސަބަބުން ލީގް މެދުކަނޑާލުމަށްފަހު އަލުން ފަށައި ކުޅުނު ދެ މެޗުން ވެސް އާސެނަލް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗްގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ވާދަކޮށް ބަލިވީ 3-0 އިންނެވެ.

ރޭގެ މެޗުގައި އާސެނަލަށް ލީޑު ނަގައިދިނީ 68 ވަނަ މިނެޓުގައި ޒުވާން ފޯވަޑް ނިކޮލަސް ޕެޕޭ އެވެ. ލެފްޓް ބެކް ބުކާޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އައިވޮރީ ކޮސްޓު ކުޅުންތެރިޔާ ޖެހި މި ގޯލުން އާސެނަލަށް ކުރި ލިބުނު ނަމަވެސް މާގިނައިރުތަކެއް ވަންދެން އެޓީމަށް ލީޑް ހިފަހައްޓައެއް ނުލެވުނެއެވެ.

ބްރައިޓަނުން އެއްވަރުކުރީ ޑިފެންޑަރު ލެވިސް ޑަންކް ޖެހި ގޯލުންނެވެ. އެ ނަތީޖާގައި އޮވެ މެޗް ނިމެމުން ދަނިކޮށް ބްރައިޓަނަށް 3 ޕޮއިންޓް ކަށަވަރުކޮށްދިން ގޯލް މޯޕޭ ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯ އަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. ލެނޯ އަށް އަނިޔާވީ ބޯޅަ ހިފަން އުޅުމުގެ ތެރޭ ބްރައިޓަންގެ މޯޕޭގެ ޗެލެންޖަކުން، ފައި ބިންމަތީ އެޅުނު ގޮތަކުންނެވެ. ޖަރުމަން ކީޕަރުގެ ބަދަލުގައި މެޗްގެ ބާކީ ބައިގައި އާސެނަލްގެ ގޯލް ބެލެހެެއްޓީ އެމިލިއާނޯ މާޓިނެޒް އެވެ.

އާސެނަލަށް ދެން ކުރިއަށް އޮތީ ސައުތޭމްޓަންއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗެވެ. އަނެއްކޮޅުން އަންގާރަ ދުވަހު ބްރައިޓަން ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.