އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީން އާރްބީ ލީޕްޒިގުގެ ފޯވަޑް ޓިމޯ ވާނާ އާއި އަޔަކްސްގެ ފޯވަޑް ހަކީމް ޒިޔެޗްގެ ސޮއި ހޯދުމުން އެކަމުން ދޭހަވަނީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް ކްލަބް ދެކެ ލޯބިވާ ވަރު ކަމަށް ފްރެންކް ލަމްޕާޑް ބުނެފިއެވެ.

ގަވާއިދާ ހިލާފާށް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ފީފާގެ ގަވާއިދާ ހިލާފުވެފައިވާތީ ޗެލްސީ އަށް ކުރިމަތިވި ސަސްޕެންޝަނުގެ ސަބަބުން ކޯޗް ފްރެންކް ލަމްޕާޑްގެ ފުރަތަމަ ސީޒަންގައި އޭނާ ބޭނުންވާ ގޮތަކަށް ޓީމް ބިނާކުރެވޭ ގޮތެއް ނުވިއެވެ. އެހެންނަމަވެސް ސަސްޕެންޝަނަށްފަހު ޗެލްސީ މިހާރު އަންނަނީ ޓްރާންސްފާ މާކެޓުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންނެވެ.

ޓްރާންސްފާގެ އަދަބަށް ލުޔެއް ލިބުމާ އެކު ޗެލްސީން ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފައިވާއިރު ލަމްޕާޑް ވަނީ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓު ނުފެށެނީސް މަޝްހޫރު 2 ކުޅުންތެރިއެއްގެ ސޮއި ހޯދައިފައެވެ. ރިލީޒް ކްލޯސް ދެއްކުމަށްފަހު ޗެލްސީން ގަތީ އަޔަކްސްގެ އަށް ކުޅެމުން އަންނަ މޮރޮކޯގެ ތަރި ހަކީމް ޒިޔެޗް އަދި ލީޕްޒިގުގެ ޖަރުމަން ފޯވަޑް ޓިމޯ ވާނާ އެވެ. މި ދެ ކުޅުންތެރިންވެސް މިސީޒަން ނިމުމުން ޗެލްސީއާ ގުޅޭނެއެވެ.

ގިނަ ކްލަބުތައް ހައިރާންކޮށްލުމަށްފަހު ޗެލްސީން ޔޫރަޕްގެ މަތީ ފަންތީގެ 2 ކުޅުންތެރިޔަކު ގަނެފައިވާއިރު ކޯޗް ލަމްޕާޑް ބުނީ މިއީ ކްލަބުގެ ވެރިޔާ ރަޝިޔާގެ ބިލިޔަނަރު ރޯމަން އަބްރަމޮވިޗްގެ ބުރަ މަސަތްކަތް ކަމަށެވެ. ޓްރާންސްފާ ކަންތަކުގައި އަބްރަމޮވިޗްގެ ފަރާތުން ލިބެމުން އަންނަ ސަޕޯޓް ފާހަގަކޮށް ލަމްޕާޑް ވަނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

“ އަހަރެން ކުޅުންތެރިޔެއްގެ ގޮތުގައި ޗެލްސީގައި އުޅުނުއިރު ވެސް މިކަން ފާހަގަވި. ޗެލްސީން މިފަހުން ގަތް ކުޅުންތެރިންނަށް ބަލާލީމަ ވެސް އެބަ އިނގޭ އަބްރަމޮވިޗް މި ކްލަބަށް ކާމިޔާބީ ހޯދައިދޭން ބޭނުންވާ ވަރު. އޭނާ ޗެލްސީ އަށް މިދޭ ކޮމިޓްމެންޓް ވަރަށް ބޮޑަށް އެނގިގެން އެބަދޭ. އަހަރެން އޭނާ އާއި ވާހަކަ ނުދައްކާތާ ދުވަސްތަކެއް ވެއްޖެ. އެކަމަކު ކްލަބުގެ ޑިރެކްޓަރާ އަހަންނާއި ރަނގަޅު ކަނެކްޝަނެއް އޮވޭ. އެހާ އާންމުކޮށް ވާހަކަ ނުދެއްކިޔަސް މަސަތްކަތުގެ މާހައުލުގަ އަހަރެން އަބްރަމޮވިޗް ދަންނަން އެންމެ ރަނގަޅު ވަރަށް. އަހަންނަށް ވަރަށް ރަނގަޅަށް އިނގޭ އޭނާގެ އަމާޒްތަކާ ކްލަބަށް ކޮށްދޭން ބޭނުންވާ ކަންތައްތައް، “ ލަމްޕާޑް ބުންޏެވެ.

މޮޅެތި ކުޅުންތެރިންގެ ސޮއި ހޯދައި ޓީމް ވަރުގަދަ ކުރުމުގެ މަސަތްކަތް ލަމްޕާޑް ކުރަމުން ގެންދާއިރު އޭނާގެ ލޯ މިހާރު އަމާޒުވެފައި ހުރީ ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިނގިރޭސި ޒުވާން ޑިފެންޑަރު ބެން ޗިލްވެލް އަށެވެ. އެހެންނަމަވެސް ޗިލްވެލްގެ ކޮންޓްރެކްޓުގައި ރިލީޒް ކްލޯސް އެއް ނުހިމެނޭތީ އޭނާ ގަތުމުގައި ޗެލްސީ އަށް އުނދަގޫތަކަކާ ކުރިމަތިވާނެއެވެ. ލެސްޓާ އިން މިހާތަނަށް ޗިލްވެލް އަށް އަގެއް ކަނޑައަޅާފައިވާ ނުވިނަމަވެސް 23 އަހަރުގެ ޑިފެންޑަރުގެ އަގު މާކެޓުގައި ބޮޑުވާނެ ކަމަށް ބެލެވެއެވެ. ޗިލްވެލް ނުލިބިއްޖެ ހާލަތެއްގައި ޗެލްސީގެ މިސްރާބު ދެން ހުރީ ބޯންމައުތުގެ ނޭތަން އަކޭ އަށެވެ.