އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި އެސްޓަން ވިލާ ބަލިކޮށް ޗެލްސީން ގަދަ ހަތަރެއްގައި ހަމަޖެހިލައިފިއެވެ.

ރެލިގޭޝަންގެ ބިރު ބޮޑުވެފައިވާ ވިލާގެ ދަނޑުގައި ކުޅުނު މި މެޗް ޗެލްސީން ކާމިޔާބުރީ 1-2 އިންނެވެ. މި މޮޅަކީ ޗެލްސީ އަށް ގަދަ ހަތަރެއްގެ ރޭހުގައި ހޯދުނު މުހިއްމު ތިން ޕޮއިންޓެވެ.

މި އަހަރު ފެށުނު ފަހުން ރަށުން ބޭރުގައި ހޯދި ފުރަތަމަ މޮޅާއެކު ޗެލްސީން ވަނީ ހަތަރު ވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށްވުރެ ތިން ޕޮއިންޓް ފަހަތުން ޗެލްސީ ހަތަރު ވަނައިގައި އޮތީ 30 މެޗުން ލިބުނު 51 ޕޮއިންޓާއެކު އެވެ. ފަސް ވަނައިގައި އޮތް މެންޗެސްޓަ ޔުނައިޓެޑަށް 30 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ވުލްވްސް އަށް ވެސް 30 މެޗުން ވަނީ 46 ޕޮއިންޓް ލިބިފަ އެވެ. މިއިން ކޮންމެ ޓީމަކަށްވެސް ލީގުގައި ދެން ބާކީ އޮތީ އަށް މެޗެވެ.

ރޭ ޗެލްސީ އާއި ވިލާ ބައްދަލުކުރި މެޗްގެ ފުރަތަމަ ހާފުގައި ޗެލްސީން ގޯލެއް ޖެހުމާއި ގާތަށް ދިޔަ ނަމަވެސް މޭސަން މައުންޓް ދުރުން ޖެހި ބޯޅަ އެސްޓަން ވިލާގެ ކީޕަރު ނޯވޭގެ އޮޔާން ނައިލަންޑް ވަނީ ދިފާއުކޮށްފަ އެވެ. އޭގެ ފަހުން ވިލާ އިން އުފެއްދި ހަމަލާއެއްގައި އަންވަރު އެލްގާޒީ ޖެހި ބޯޅައިގެ ހުރަހަކަށްވީ ޗެލްސީގެ ކީޕަރު ކެޕަ އަރިއްޒަބަލާގާ އެވެ.

އެސްޓަން ވިލާ އަށް ލީޑް ނަގައިދިނީ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޑިފެންޑަރު ކޯނޭ ހައުސޭ އެވެ. ޗެލްސީން ނަތީޖާ ހަމަހަމަކުރީ 60 ވަނަ މިނެޓްގައި ފޯވަޑް ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލުންނެވެ. އޭގެ ދެ މިނެޓް ފަހުން ޗެލްސީން މެޗުން ތިން ޕޮއިންޓް ކަށަވަރު ކުރީ ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ޖެހި ގޯލުންނެވެ. މި ގޯލާއެކު ޖިރޫޑް ވަނީ އޭނާ އެންމެ ފަހުން ވިލާއާ ދެކޮޅަށް ކުޅުނު 6 މެޗްގައިވެސް ގޯލް ޖަހައިފައެވެ.

ލީގުގައި ދެން ޗެލްސީއަށް އޮތީ އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި މެންޗެސްޓަ ސިޓީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.