ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އާ ވާދަކުރި މެޗް ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ބާސެލޯނާ ފަހަތައް ޖައްސާލައި ލީގުގެ އެއްވަނަ އަށް އަރައިފި އެވެ.

ރަށުން ބޭރުގައި ކުޅެ ރެއާލުން ސޮސިއެޑާޑްގެ މައްޗަށް ކުރި ހޯދީ 1-2 އިންނެވެ. ރެއާލުން މި ހޯދި މުހިއްމު މޮޅާއެކު އެޓީމާ ބާސެލޯނާ ޕޮއިންޓްގެ ގޮތުން ހަމަހަމަވި ނަމަވެސް ރެއާލް އަށް އެއްވަނަ ލިބެނީ ހެޑް ޓު ހެޑް ރެކޯޑުން ކުރި ލިބޭތީއެވެ. ލީގުގައި މި ދެ ޓީމް ބާސެލޯނާގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗް 0-0 އިން އެއްވަރުވިއިރު ބާނެބެއުގައި ކުޅުނު މެޗް 0-2 އިން ކާމިޔާބުކޮށްފައިވަނީ ރެއާލް އެވެ. މުޅިއެކު 30 މެޗުން މިދެޓީމަށް ވެސް މިހާތަނަށް ލިބިފައިފައިވަނީ 65 ޕޮއިންޓެވެ.

ރޭގެ މެޗްގައި ފެނުނު ތިން ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގަ އެވެ. ރެއާލަށް މެޗްގައި ލީޑް ނަގައިދިނީ 50 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ސާޖިއޯ ރާމޯސް އެވެ. މި ޕެނަލްޓީ އަކީ ބްރެޒިލްގެ ތަރި ވިނިޝިއަސް ޖޫނިއާ އަށް ސޮސިއެޑާޑްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ރެއާލަށް ލިބުނު ޕެނަލްޓީ އެކެވެ. ވީއޭއާރު ބެލުމަށްފަހު ރެފްރީ ހާވިއާ އެސްޓްރާޑާ ދިން މި ޕެނަލްޓީއަކީ ސައްހަ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ސޮސިއެޑާޑްގެ ކުޅުންތެރިން ވަނީ ނުރުހުން ވެސް ފާޅުކޮށްފައެވެ.

މެޗްގައި ރެއާލަށް ރާމޯސް ލީޑް ނަގައިދިންތާ ދިހަވަރަކަށް މިނެޓް ފަހުން އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. ދަނޑުން ބާލަން ޖެހުނު ނަމަވެސް ރޭގެ މެޗަކީ ރާމޮސް އަށް ހާއްސަ މެޗެކެވެ. އޭނާ ކާމިޔާބުކުރި ޕެނަލްޓީއާއެކު ރާމޮސް ވަނީ ލީގުގައި 68 ގޯލް ހަމަކޮށް ލަލީގާގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވާ ޑިފެންސިވް ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ. ކުރިން މި ރެކޯޑް އޮތީ 67 ގޯލް ޖެހި ބާސެލޯނާގެ ކުރީގެ ޑިފެންޑަރު ރޮނާލްޑް ކޮއެމަން އަތުގައެވެ.

ރޭގެ މެޗްގެ 68 ވަނަ މިނެޓުގައި ސޮސިއެޑާޑުން ރެއާލްގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަދްނާން ޔަނުޒާޖް ބޯޅަ ފޮނުވާލި ވަގުތު އޮފްސައިޑް މަގާމެއްގައި ހުރެގެން ސޮސިއެޑާޑްގެ މިކެލް މެރީނޯ ރެއާލްގެ ގޯލްކީޕަރު ތިބާއުޓް ކޯޓުއާ އަށް ހުރަސް އެޅޭ ގޮތަށް ހަރަކާތްކޮށްފައިވާ ކަމަށް ބަލައި ރެފްރީ ވަނީ އެ ގޯލް ބަލައިނުގަންނަން ނިންމައިފައެވެ.

ރެއާލަށް ރޭގެ މެޗްގައި ލީޑް ފުޅާކޮށްދިން ގޯލް މެޗްގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ. މި ގޯލް ބަލައިގަންނަން ރެފްރީ ނިންމީ ވީއޭއާރުގެ އެހީ ހޯދުމަށްފަހުއެވެ. ބެންޒެމާ ސޮސިއެޑާޑްގެ ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން އޭނާގެ އަތުގައި ޖެހުނު ކަމަށް ބެލެވުނު ނަމަވެސް ވީއޭއާރުން ނިންމީ އެއީ ގޯލެއް ކަމަށެވެ.

މެޗް ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ސޮސިއެޑާޑަށް ފަރަގު ކުޑަކޮށްދިނީ މިކެލް މެރީނޯ އެވެ.

ލީގުގައި ރެއާލުން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ އެވެ. ތާވަލްގެ 18 ވަނައިގައި އޮތް މަޔޯކާއާ ދެކޮޅަށް ރެއާލް ނުކުންނައިރު އޭގެ އެއް ދުވަސް ކުރިން ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ 9 ވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ބުރޯ

  ބުރޯ ވީއޭއާރު ބަލާފަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަދި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަލަކައް ނޫނޭ ތިހެން ތި ވ ހަބަރު ލިޔުނު ކުއްޖާ ހަޖަމް ޕްލީސް...ބާރސާ މީހުނައް ނުވާނެ ކަމެއްގެ ވާހަކަ މި ބުނީ..ކެކެކެ

  11
  6
 2. ޢަނިލް

  ވަކި ކޮޅަކަށް ބު ރަވެ ނޫސްވެ ރިކަން ކޮށްބަލަ ކަލޯ.....
  ބާސާ ފޭނެއް ތީ ޔަޤީން

  3
  2