އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ އެވަޓަންއާ ވާދަކުރި މެޗް އެއްވަރު ވުމުން ލީގު ތަށި އުފުލާލުމަށް ލިވަޕޫލް ކުރަމުން އަންނަ އިންތިޒާރު ދިގުލާ ގޮތް ވެއްޖެއެވެ.

ގުޑިސަން ޕާކްގައި ކުޅުނު ޑާބީ މެޗް އެއްވަރުވެގެން ނިމުނީ 0-0 އިންނެވެ. މި މެޗުން މޮޅުވިނަމަ އަންނަ ބުދަ ދުވަހުގެ ރޭ އެންފީލްޑްގައި ކުޅޭ މެޗް ކާމިޔާބުކޮށްގެން ތަށި އުފުލާލުމުގެ ފުރުސަތު ލިވަޕޫލަށް އޮތީހެވެ. ނަމަވެސް މިހާރު ބުދަ ދުވަހު ލިވަޕޫލަށް ލީގު ކަށަވަރު ވާން އޮތް ހަމައެކަނި ގޮތަކީ މިރޭ ބާންލީ އަތުން މެންޗެސްޓަ ސިޓީ މޮޅު ނުވެވި އަދި ބުދަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް އާ ދެކޮޅަށް ކުޅޭ މެޗް ލިވަޕޫލުން ކާމިޔާބު ކުރުމެވެ.

ރޭގެ މެޗަކީ ކޮވިޑް-19 ގެ ސަބަބުން ލީގް މެދުކަނޑާލުމަށްފަހު އަލުން ފެށި ފަހުން މި ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗެވެ. ފިޓްނެސްގެ މައްސަލަތަކެއް އުޅޭތީ ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް ރޭގެ މެޗްގައި ނުކުޅެއެވެ. މިސްރު ކުޅުންތެރިޔާގެ ބަދަލުގައި ކުޅެން އެރީ ޖަޕާނުގެ ޓަކޫމީ މިނަމީނޯއެވެ.

މެޗްގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ލިވަޕޫލްގެ ތަޖުރިބާކާރު ޑިފެންޑަރު ޖޭމްސް މިލްނާ ވަނީ ބަދަލުކޮށްފައެވެ. އެންޑީ ރޮބަޓްސަންގެ ބަދަލުގައި ލެފްޓް ބެކަށް ކުޅެމުންދިޔަ މިލްނާގެ ބަދަލުގައި ކުޅެން އެރީ ޖޯ ގޯމޭޒެވެ.

މި މެޗްގައި އެވަޓަންގެ ގޯލަށް ނުރައްކާވާ ގޮތަށް ލިވަޕޫލުން ފޮނުވާލި ހަމައެކަނި ހަމަލާ ފެނިގެންދިޔައީ މެޗް ނިމެން ގާތްވެފައިވަނިކޮށެވެ. ފަހަކަށް އައިސް ލިވަޕޫލްގެ މެދުތެރެ ބެލެހެއްޓުމުގައި މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ފޮނުވާލި ހިލޭ ޖެހުން އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

ޕިކްފޯޑަށްވުރެ ބުރަކޮށް މެޗްގައި އުޅެން ޖެހުނީ އަލިސަން ބެކާއެވެ. އަލިސަން ވަނީ އެވަޓަންގެ ބްރެޒިލް ފޯވަޑް ރިޗާލިސަން ފޮނުވާލި ހަމަލާއެއް ދިފާއުކުރުމުގެ އިތުރަށް މެޗް ނިމެން ގާތްވެފައި ވަނިކޮށް ގޯލާ ވަރަށް ކައިރިން ޑޮމިނިކް ކަލްވާޓް ލެވިން ޖެހި ބޯޅައެއް މަތަކޮށްފައެވެ. ކަލްވާޓް ލެވިން ޖެހި ބޯޅަ އަލިސަންގެ އަތުގައި ޖެހިފަ ނުކުތުމުން ޓޮމް ޑޭވީސް ތިރިތިރިން އަނެއްކާ ގޯލަށް ފޮނުވާލި ނަމަވެސް ކައިރީގައި ހުރި ގޯމެޒްގެ ގައިގަ ޖެހިފަ އެ ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ލިވަޕޫލް 83 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް މެންޗެސްޓަ ސިޓީއަށް ވުރެ 23 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.