އިޓާލިއަން ލީގުގައި ބާކީ ކުޅެން ޖެހޭ ކޮންމެ މެޗަކީ ފައިނަލެއް ކަމަށާއި ތަށްޓައް ވާދަކުރަން ބޭނުން ނަމަ މި މެޗްތަކުގައި އޭނާގެ ޓީމުން އެއްވެސް ގޯހެއް ހަދައިގެން ނުވާނެ ކަމަށް އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮވިޑް-19 އަށް ފަހު، އިޓާލިއަން ލީގު އަލުން ފަށައި އިންޓަ މިލާން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ރޭ ސަމްޕްޑޯރިއާ އަތުން 2-1 އިން މޮޅުވެފައެވެ. މިއީ ތަށްޓައް އަމާޒް ހިފާފައިވާ ކޮންޓޭގެ ޓީމުން ހޯދި މުހިއްމު މޮޅެކެވެ. އިންޓަ ލީގުގެ ތިން ވަނައިގައި އޮތީ 57 ޕޮއިންޓް ހަމަކޮށްގެންނެވެ. އެއް ވަަނައިގައި 63 ޕޮއިންޓާ އެކު ޔުވެންޓަސް އޮތްއިރު ދެ ވަނައިގައި 62 ޕޮއިންޓާ އެކު އޮތީ ލާޒިއޯއެވެ.

ކޮންޓޭ ބުނީ އޭނާގެ ޓީމުން ފަހު ވަގުތާ ޖެހެންދެން ވެސް ޗެމްޕިއަންކަން ހޯދުމަށް މަސަތްކަތް ކުރާނެ ކަމަށެވެ. އަދި ބާކީ ހުރީ ހައްތާވެސް ފައިނަލް މެޗުތައް ކަމުން ހެދޭ ކުޑަ ގޯސްތަކަކުން ވެސް ތަށި ގެއްލެން ބޭނުންނުވާ ކަމަށެވެ. ކޮންޓޭ ބުނީ ތާވަލުގައި އިންޓަ ޔުވެންޓަސް އާއި ލާޒިއޯ އަށްވުރެ ފަހަތުގައި އޮތުމުން އެ ދެ ޓީމަށްވުރެ އޭނާގެ ޓީމުން ކުރިއަށް އޮތް ތަނުގައި ސަމާލުވާން ޖެހޭ ކަމަށެވެ.

"މެޗަށް ނުކުތީ ވެސް ސީދާ ތިން ޕޮއިންޓަށް. 12 މެޗް ބާކީ އޮތްއިރު އަހަރެމެން ފަހަތުގައި މިތިބީ. އެހެންކަމުން ކުރިއަށް ހުރި މެޗްތަކަކީ ފައިނަލެއް ކަމަށް ދެކިގެން އިތުރަށް ސަމާލުވެގެން ކުޅުން ނޫން ގޮތެއް ނެތް. އެއްވެސް ގޯހެއް ހަދަން ފުރުސަތު ދީގެން ނުވާނެ. މިއަދުގެ މެޗުން ވެސް އެނގިއްޖެ ވީހާވެސް އަވަހަށް އަހަރެމެން ކޮޅަށް ނަތީޖާ އަނބުރާލާ މެޗް ކިލް ކުރަން ޖެހޭކަމުގެ މުހިއްމުކަން. މެޗްގެ ކުރީކޮޅު ގޭމް ކިލް ކުރެވިގެން ބާކީ އޮންނަ ވަގުތުގައި ހަމަޖެހިލައިގެން އަހަރެމެންނަށް ކުޅެވޭނީ. ހާއްސަކޮށް ޔުވެންޓަސް އަށް ވުރެ ފަހަތުގައި އިންޓަ އޮތުމުން މިފަދަ ގޮތަކަށް މެޗަށް އެޕްރޯޗް ކުރުން މުހިއްމު،" ކޮންޓޭ ބުންޏެވެ.

ރޭ ސަމްޕްޑޯރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި އިންޓަ އަށް ލީޑު ނަގައިދިނީ މެޗްގެ ވަރަށް ކުރީކޮޅު ޖެހި ގޯލަކުން ރޮމެލޫ ލުކާކޫއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލައުޓަރޯ މާޓިނޭޒް އެޓީމްގެ ލީޑް ފުޅާކޮށްދީފަައި ވަނިކޮށް ސަމްޕްޑޯރިއާ އިން ފަރަގު ކުޑަ ކުރީ ދެވަނަ ހާފުގައި މޯޓެން ތޯސްބީ ޖެހި ގޯލުންނެވެ.