އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ މައްޗަށް ހޯދި މޮޅާއެކު ވިކްޓްރީ ސްޕޯޓްސް ކްލަބް ތާވަލުގެ ތިން ވަނައަށް ޖެހިލައިފިއެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ދެ ޓީމް ބައްދަލުކުރި ފުރަތަމަ މެޗުގައި ޔޫވީގެ މައްޗަށް ވިކްޓްރީ ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ.

މިމެޗަށް ނުކުތް އިރު ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާ ވިކްޓްރީ ލީގު ތާވަލުގެ ފަސް ވަނައިގަ އޮތްއިރު، ހަތް މެޗުން ހަ ޕޮއިންޓާއެކު ޔޫވީ އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.

މި މެޗުގައި ވަރުގައަށް ކުޅެމުން ދިޔަ ވިކްޓަރީން ލީޑު ނެގީ މެޗުގެ 38 ވަނަ މިނެޓުގައެވެ. އެއީ ކައުންޓަރ އެޓޭކުގައި ޔޫވީގެ އޭރިއާ ތެރެއަށް ވަދެ ޑިފެންޑަރު އަލީ ޝަރީފް ކައިރިން ނައްޓާލުމަށްފަހު ނާއްޓޭ ކާމިޔާބުކޮށްދިން ގޯލެކެވެ.

އެއާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އިތުރު ލަނޑެއް ނުފެނި 1-0 ގެ ނަތީޖާއިން ވިކްޓްރީ ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފްގެ 61 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލީޑް ފުޅާކޮށްފައެވެ. ހިތްގައިމު ރީތި ގޯލަކާއެކު ވިކްޓްރީއަށް ލީޑް ފުޅާކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުނޯޒެވެ.

މެޗުގެ 87 ވަނަ މިނެޓުގައި ޖެހި ކާމިޔާބުކުރި ގޯލާއެކު ވިކްޓަރީން މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްފައެވެ، ވިކްޓްރީގެ ދެވަނަ ގޯލް ޖަހައިދިން މުނޯޒްގެ އެހީތެރި ކަމާއެކު އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ރަޝީދެވެ.

ތިންލަނޑުގެ ތަފާތުން މެޗު ނިމެން ދަނިކޮށް ޔޫވީއަށް ސުން ކަނޑުވާލަދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސަމިއުލް ޑެވޯނޭ އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިކްޓްރީގެ ބިދޭސީ ކުޅުންތެރިޔާ އެންޖަލް ކަރަސްކޮސާ މުނޯޒުއެވެ.

މެޗުން މޮޅުވެ ވިކްޓަރީ ތިން ވަނައަށް ޖެހިލީ އަށް މެޗުން 15 ޕޮއިންޓާއެކުގައެވެ. ދެވަނައިގައިވާ މާޒިޔާއަށް 16 ޕޮއިންޓް ލިބިފައިވާއިރު ޓީސީ ހަތަރު ވަނައިގާ އޮތީ 14 ޕޮއިންޓާއެކުއެވެ. އަދި 12 ޕޮއިންޓާއެކު ފަސް ވަނައިގާ އީގަލްސް އޮތް އިރު ތިން ޕޮއިންޓްގެ ލީޑަކާއެކު ތާވަލުގެ އެއް ވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ.

މި މުބާރާތުގެ ކުޅުން ދެން އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.