އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗްގައި ޗެމްޕިއަން މެންޗެސްޓަ ސިޓީން ބާންލީ ކޮޅަށް 5 ގޯލް ޖަހައިފިއެވެ.

އިއްތިހާާދް ސްޓޭޑިއަމްގައި ކުޅެ ސިޓީން މި މެޗް ކާމިޔާބުކުރީ 5-0 އިންނެވެ. މި މެޗުން ސިޓީ މޮޅު ނުވިނަމަ ބުދަ ދުވަހު ކްރިސްޓަލް ޕެލަސް ބަލިކޮށްގެން ލީގް ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އޮތީހެވެ. ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ޗެލްސީއާ ވާދަކުރާ މެޗުން ސިޓީ މޮޅުވެއްޖެނަމަ ލިވަޕޫލަށް ލީގު ހޯދުމުގެ ފުރުސަތު ދެން އެންމެ އަވަހަށް ލިބޭނީ އަންނަ މަހު ދެ ވަނަ ދުވަހު އިއްތިހާދުގައި އެޓީމާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

ސިޓީ ރޭ މޮޅުވުމުން ލީގުގެ އެއް ވަނައިގައި ލިވަޕޫލްގެ ލީޑް ވަނީ 20 ޕޮއިންޓަށް ކުޑަވެފަ އެވެ. ލިވަޕޫލަށް 30 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 30 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ބާންލީ އޮތީ 39 ޕޮއިންޓާއެކު 11 ވަނައިގައެވެ.

ރޭ ބާންލީއާ ދެކޮޅަށް ގާޑިއޯލާ ނެރުނު ޓީމުން ގިނަ ބަދަލުތަކެއް ފެނިގެންދިޔައެވެ. އެގޮތުން ކެވިން ޑެބްރައިން އާއި އައިމެރިކް ލަޕޯޓް އަދި ރަހީމް ސްޓާލިންގް މެޗް ފެށީ ބެންޗުންނެވެ.

މެޗްގައި ސިޓީން ޖެހި ފަސް ގޯލްގެ ތެރެއިން އިނގިރޭސި ޒުވާން މިޑްފީލްޑަރު ފިލް ފޮޑެން ދެ ގޯލް ޖެހިއިރު އަލްޖީރިއާގެ ފޯވަޑް ރިޔާދް މަހްރޭޒް ވެސް ވަނީ ދެ ގޯލް ޖަހައިފައެވެ. އެޓީމުން ދެން ގޯލް ޖެހީ ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާ އެވެ.

މެޗްގެ ދެވަނަ ހާފުގައި ގާޑިއޯލާ ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަހު ކުޅުމުން ބޭރުގައި ހުރި ޖަރުމަން ފޯވަޑް ލިރޯއި ސާނޭ ކުޅެން އަރުވައިފައެވެ. ޖަރުމަނުގެ ޝާލްކޭއިން 37 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް 2016 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ސާނޭ، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން އެއްބަސްނުވާތީ ކުރިއަށް ޓްރާންސްފާ ބާޒާރުގައި ސިޓީން އޭނާ ވިއްކާލާނެ ކަމަށް ބެލެވެއެވެ.