އިޓާލިއަން ލީގުގައި ރޭ ބޮލޯނިއާ އަތުން މޮޅުވެ ޔުވެންޓަސް އިން ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ސީޒަން މެދުކެނޑާލާފައި އޮތުމަށްފަހު ލީގު އަލުން ފަށައިގެން ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން ހޯދި މުހިއްމު މޮޅާ އެކު އެ ޓީމު އެއް ވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި 26 މެޗުން 62 ޕޮއިންޓް ޕޮއިންޓް ހޯދައިގެން އޮތީ ލާޒިއޯއެވެ. ތިން ވަނައިގައި 26 މެޗުން 57 ޕޮއިންޓް ހޯދައިގެން އޮތީ އިންޓަ މިލާނެވެ.

ރޭ ބޮލޯނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސް އަށް ލީޑް ނަގައި ދިނީ 23 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭރިއާ ތެރެއިން ޔުވެންޓަސްގެ ޑިފެންޑަރު މެތިޖްސް ޑިލިޓް އަށް ބޮލޯނިއާގެ ކުޅިންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ރޮނާލްޑޯގެ މި ގޯލަކީ އޭނާ ލީގުގައި ޖެހި 22 ވަނަ ގޯލެވެ.

ޔުވެންޓަސް އިން ލީޑް ފުޅާކުރީ 36 ވަނަ މިނެޓުގައި ޕައޮލޯ ޑިބާލާ ޖެހި ގޯލުންނެވެ. އޭގެ ފަހުން ދެވަނަ ހާފުގައި ރޮނާލްޑޯ ދެވަނަ ފަހަރަށް ބޮލޯނިއާގެ ގޯލް ފޫއަޅުވާލި ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ގޮތުގައެވެ. މި މެޗު ނިމެން ބާކީ މިނެޓް ކޮޅެއް އޮއްވާ ޔުވެންޓަސްގެ ފުބްލެކް ޑަނީލޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފައެވެ.

ލީގުގައި ރޭ އޭސީ މިލާނުން ވަނީ ރަށުން ބޭރުގައި ލެއްޗޭގެ މައްޗަށް 4-1 އިން ކުރި ހޯދައިފައެވެ. މިލާން އޮތީ 39 ޕޮއިންޓާ އެކު ހަތް ވަނައިގައެވެ. ރެލިގޭޝަންގެ ބިރު ބޮޑުވެފައިވާ ލެއްޗޭ 17 ވަނައިގައި އޮތީ 25 ޕޮއިންޓާ އެކުއެވެ.