ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ޖޮކޮވިޗަށް ކޮވިޑް-19 ޖެހުނުކަން އޭނާގެ ޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. ޖޮކޮވިޗްގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެނިސް މުބާރާތެއް ނިންމާލުމަށްފަހު ޖޮކޮވިޗް ސާބިއާ އަށް އެނބުރި އައުމާއެކު އޭނާ އާއި އާއިލާ ކޮވިޑަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. ޖޮކޮވިޗްގެ ޓެސްޓްގެ ނަތީޖާ ފައްސިވި ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ކަހަލަ އަސަރުތަކެއް ނުފެންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ޖޮކޮވިޗާއެކު އޭނާގެ އަންހެނުން ހެލީނާ ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ނަމަވެސް އެދެމީހުންގެ ފިރިހެން ދަރި ސްޓެފަން އަދި އަންހެން ދަރި ޓާރާ އަށް ބަލި ނުޖެހެއެވެ.

ޖޮކޮވިޗް ވަނީ މިދިޔަ ދެ ހަފްތާގައި ކޮރޯނާ ވައިރަސް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އޭނާ އިސްނަގައިގެން ސާބިއާ އަދި ކްރޮއޭޝިއާގައި ބޭއްވި އެގްޒިބިޝަން ޓެނިސް މުބާރާތެއްގައި ވާދަކޮށްފައެވެ. ކޮވިޑް-19 އާ ހެދި ހުރިހާ ޓެނިސް މުބާރާތްތަކެއް ހެން މެދުކަނޑާލާފައި ވަނިކޮށް ޖޮކޮވިޗް އިސްނަގައި މި މުބާރާތް ފެއްޓުމުން އޭނާ އަށް ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައެވެ. ޓެނިހުގެ ގިނަ ތަރިންނާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލް މެޗް ނުކުޅެ ވަނީ ކެންސަލް ކޮށްފައެވެ. މިދިޔަ އާދިއްތަ ދުވަހު ކުޅެން ހަމަޖެހިފައިއޮތް ފައިނަލް މެޗް ކެންސަލް ކުރީ މުބާރާތުގައި ވާދަކުރި ގްރިގޯ ޑިމިޓްރޯވް ވައިރަހަށް ފައްސިވުމުންނެވެ. ޑިމިޓްރޯވްގެ ފަހުން ބޯނާ ކޮރިކްވެސް ވަނީ ވައިރަހަށް ފައްސިވެފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޖޮކޮވިޗް ބުނީ މުބާރާތް ބާއްވަން ނިންމީ ކޮވިޑްގެ ސަބަބުން ޓެނިސް ސީޒަން މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ކޮމްޕެޓެޓިވް މެޗްތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ކަމަށެވެ. އަދި މުބާރާތް ބޭއްވީވެސް ވައިރަހުގެ އަސަރު ދަށްވެފައިވާ ކަމަށް ގަބޫލު ކުރެވުމުން ކަމަށާއި އެހެންނަމަވެސް ކަންތައް ދިމާވީ ހީކުރިގޮތާ މުޅިން ހިލާފަށް ކަމަށެވެ. ޖޮކޮވިޗް ވަނީ މި މުބާރާތުގެ ތެރެއިން ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ކޮވިޑް ޖެހިފައިވާތީ އެކަމުގެ ޒިންމާ ނަގައި ހުރިހާ އެންމެންގެ ކިބައިން މައާފަށް އެދިފައެވެ.