ފްރާންސްގެ ފޯވާޑް އެންތޮނީ މާޝިއާލްގެ މޮޅު ކުޅުމާއެކު ޕްރިމިއާ ލީގުގައި މެންޗެސްޓަ ޔުނައިޓެޑުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސަތްކަތުގައި ފިޔަވަޅެއް ކުރިއަށް އަޅައިފިއެވެ.

އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗްގައި ޔުނައިޓެޑުން ޖެހި ހުރިހާ ގޯލެއް ވެސް ޖެހީ މާޝިއާލްއެވެ. މިއީ ޔުނައިޓެޑްގެ ކުރީގެ ކޯޗް ސަ އެލެކްސް ފާގަސަން 2013 ވަނަ އަހަރު ކްލަބް ދޫކޮށްލި ފަހުން އެ ކްލަބްގެ ކުޅުންތެރިއަކު ޕްރިމިއާ ލީގުގައި ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ.

މާޝިއާލްގެ ކުރިން ލީގުގައި ޔުނައިޓެޑަށް އެންމެ ފަހުން ހެޓްރިކެއް ހަދައި ދިނީ 2013 ވަނަ އަހަރުގެ އޭޕްރިލް މަހު އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ފޯވާޑް ރޮބިން ވެން ޕާސީއެވެ.

ރޭގެ މެޗްގައި މާޝިއާލް ޖެހި ފުރަތަމަ ގޯލު މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ކާމިޔާބު ކުރީ މާކަސް ރަޝްފާޑް ނަގައިދިން ހުރަހަކުންނެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެން މިނެޓެކަށް ވެފައިވަނިކޮށް މާޝިއާލް ދެ ވަނަ ގޯލު ޖެހީ އާރޮން ވަން ބިސާކާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ފްރާންސް ފޯވާޑް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 74 ވަނަ މިނެޓުގައި އަނެއްކާވެސް ރަޝްފޯޑްގެ އެހީއާއެކު ޖެހި ގޯލުންނެވެ. މިއީ ސީނިއާ ކެރިއަރުގައި މާޝިއާލް ހެދި ފުރަތަމަ ހެޓްރިކެވެ.

ރޭގެ މޮޅާއެކު ޔުނައިޓެޑަށް ވަނީ 31 މެޗުން 49 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑާ ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު މިހާރު އޮތީ 2 ޕޮއިންޓްގެ ފަރަގެކެވެ. ނަމަވެސް މިރޭ މެންޗެސްޓަ ސިޓީ އަތުން ޗެލްސީ މޮޅުވެއްޖެނަމަ އެ ފަރަގު އަނެއްކާވެސް ފަސް ޕޮއިންޓަށް ބޮޑުވެގެންދާނެއެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތްއިރު ހަ ވަނައިގައި އޮތް ވުލްވްސް އިން ވެސް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިފައެވެ. ވުލްވްސް ވަނީ ރޭ 1-0 އިން ބޯންމައުތު ބަލިކޮށްފައެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް އެޓީމަށް ޖަހައިދިނީ ފޯވަޑް ރައުލް ހިމެނޭޒް އެވެ.