ރެލިގޭޝަންގެ ބިރު ބޮޑުވެފައިވާ މަޔޯކާގެ މައްޗަށް ކުރި ހޯދައި ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަލުން އަރައިފިއެވެ.

ރެއާލްގެ ބީ ޓީމުގެ ސްޓޭޑިއަމް ކަމަށްވާ އަލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމުގައި ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. މިދިޔަ ހަފްތާގައި ސެވިއްޔާ އަތުން ބާސާ މޮޅުނުވެވުމުގެ ފައިދާ ނަގައި ރެއާލުން ވަނީ ލީގް ހޯދުމުގައި ބާސާގެ އަމިއްލަ ބާރު ކަނޑާލައިފައެވެ.

އޭގެ ފަހުން އެތްލެޓިކް ކްލަބް އަތުން ހޯދި އުނދަގޫ މޮޅާއެކު ބާސާ އިން ވަގުތު ކޮޅަކަށް ތާވަލުގެ ކުރިއަށް ޖެހިލި ނަމަވެސް ރޭ މަޔޯކާ އަތުން ލިބުނު ތިން ޕޮއިންޓާއެކު އަނެއްކާވެސް ލީގުގެ އެއްވަނަ ލިބެނީ ރެއާލް އަށެވެ.

ލީގުގައި ދެ ޓީމަށްވެސް ބާކީ ހަތް މެޗް އޮތްއިރު ދެ ޓީމް ވެސް އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. ނަމަވެސް ހެޑް ޓު ހެޑް އުސޫލުން ރެއާލް އަށް ކުރި ލިބޭތީ ބާކީ ހުރި ހުރިހާ މެޗަކުން މޮޅުވެގެން ބާސާގެ ނަތީޖާތަކަށް ބަރޯސާނުވެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ރެއާލް އަށް އެބައޮތެވެ.

ބާސެލޯނާ އަދި ރެއާލް އަށް ވެސް ވަނީ 31 މެޗުން 68 ޕޮއިންޓް ލިބިފައެވެ. ލީގުގެ ތިންވަނައިގައި އޮތީ 55 ޕޮއިންޓް ހޯދާފައިވާ އެތުލެޓިކޯ މެޑްރިޑް އެވެ. ރޭ ރެއާލް އަތުން ބަލިވި މަޔޯކާ އޮތީ 26 ޕޮއިންޓާ އެކު 18 ވަނައިގައެވެ.

ރޭގެ މެޗުގައި ރެއާލަށް ލީޑް ނަގައި ދިނީ 19 އަހަރުގެ ފޯވާޑް ވިނީޝިއަސް ޖޫނިއާއެވެ. އިތުރު ގޯލްތަކެއް ޖަހަން މި ހާފްގައި ވިނީޝިއަސް އަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބްރެޒިލް ކުޅުންތެރިޔާ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

ރެއާލްގެ ދެވަނަ ގޯލް ޖެހީ ކެޕްޓަން ރާމޮސް އެވެ. ރާމޮސް އޭނާ މިސީޒަންގައި ޖެހި އަށް ވަނަ ގޯލް ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ.

މި މެޗުގެ ފަހު ދިހަ މިނެޓަށް ކުޅެން އެރި މަޔޯކާގެ ލޫކާ ރޮމޭރޯ ވަނީ ސްޕެނިޝް ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ. ރޮމޭރޯގެ އުމުރަކީ 15 އަހަރާއި 219 ދުވަހެވެ. ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ކުރިން އޮތީ 1939 ވަނަ އަހަރު ސެލްޓާ ވީގޯ އަށް ކުޅުނު ފްރަންސިސްކޯ ބާއޯ ރޮޑްރިގޭޒް އަތުގައެވެ. އޭރު އޭނާގެ އުމުރުން 15 އަހަރާއި 255 ދުވަހެވެ.

ރޭގެ މެޗުން މޮޅުވި ނަމަވެސް ރެއާލްގެ ކޯޗް ޒައިނިދީން ޒިދާން ނުތަނަވަސްވީ ޓީމްގެ ޕްލޭމޭކަރު އެޑެން ހަޒާޑް އަށް އަނިޔާވުމުންނެވެ. ދެވަނަ ހާފްގައި ބެލްޖިއަމް ކުޅުންތެރިޔާ އަށް ހާނިކަވުމުގެ ސަބަބުން ވަނީ ދަނޑުން ބާލައިފައެވެ. މީގެ ކުރިންވެސް އަނިޔާގެ ގިނަ މައްސަލަތަކާ ހެދި ހަޒާޑަށް ވަނީ ގިނަ މެޗްތަކެއް ގެއްލިފައެވެ.