ރަށުން ބޭރުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗް 2-0 އިން ކާމިޔާބުކޮށް އާސެނަލުން ކޮންމެވެސް ވަރެއްގެ އުފާވެރިކަމެއް ހޯދައިފިއެވެ.

ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ލީގު އަލުން ފަށައި އާސެނަލް އެންމެ ފުރަތަމަ ކުޅުނު ދެ މެޗުން ވެސް ވީ ބައްޔެވެ. ފުރަތަމަ މެޗުގައި މެންޗެސްޓަ ސިޓީ އަތުން 3-0 އިން ބަލިވިއިރު ޖެހިގެން އައި މެޗްގައި ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ބްރައިޓަން އަތުން ބަލިވީ 2-0 އިންނެވެ. އެހެންނަމަވެސް ރޭ ސައުތޭމްޓަން އަތުން ހޯދި މޮޅާއެކު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބި ލީގުގައި ބާކީ ހުރި މެޗްތަކުން ރަނގަޅު ނަތީޖާއެއް ހޯދައި ރަނގަޅު ވަނައެއްގައި އާސެނަލް އަށް ސީޒަން ނިންމާލެވޭނެ ކަމުގެ އުއްމީދު އަނެއްކާވެސް މިވަނީ އާ ވެފައެވެ.

ރޭގެ މެޗްގެ ވަރަށް ކުރީކޮޅު އާސެނަލްގެ ޒުވާން ފޯވާޑް އެޑީ އެންކެޓިއޭ ޖެހި ބޯޅަ އަކުން އިދިކޮޅު ގޯލް ފޫއަޅުވާލި ނަމަވެސް އެ ހަމަލާ އުފެއްދި އިރު ބުކަޔޯ ސާކާ އޮފްސައިޑްގައި ހުރުމުން ރެފްރީ އެ ގޯލް ބާތިލް ކުރީ އެވެ. އޭގެ އިރުކޮޅެއް ފަހުން ކިއެރަން ޓިއާނީ އަރިމަތިން ދިން ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އޭރިއާ ތެރެއަށް ވަދެ ޕިއޭ އެމެރިކް އޮބާމެޔަންގް ގޯލަށް ފޮނުވާލި ހަމަލާ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

އާސެނަލުން ފުރަތަމަ ގޯލް ޖަހައި ލީޑު ނެގީ 20 ވަނަ މިނެޓުގައެވެ. ކީޕަރު މެކާތީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލް ޖަހައިދިނީ އެންކެޓިއޭ އެވެ.

މެޗް ނިމެން ގާތްވެފައި ވަނިކޮށް އޮބާމެޔާންގް އަށް ކުރި ފައުލަކާ ގުޅިގެން ސައުތޭމްޓަންގެ ޑިފެންޑަރު ޖެކް ސްޓެފަންސް އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ސްޓެފަންސް ކުރި ފައުލާ ގުޅިގެން ލިބުނު ހިލޭ ޖެހުމުން ތަނަވަސްވި ފުރުސަތެއްގައި އާސެނަލްގެ ދެވަނަ ގޯލް ޖެހީ ޖޯ ވިލޮކް އެވެ.

މިއީ ޔޫރަޕްގެ ޖާގައަކަށް މަސަތްކަތް ކުރަމުން އަންނަ އާސެނަލުން ހޯދި މުހިއްމު މޮޅެކެވެ. ރޭ ހޯދި 3 ޕޮއިންޓާއެކު އާސެނަލުން ވަނީ މުޅިއެކު 43 ޕޮއިންޓް ހޯދައި ތާވަލުގެ ނުވަ ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.