އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް އާއި ލެސީ ބައްދަލު ކުރިމެޗު ޔުވެންޓަސް އިން ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށްފި އެވެ.

4-0 ގެ ނަތީޖާ އަކުން ޔުވެންޓަސް މި މެޗު ކާމިޔާބު ކުރި އިރު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ މި މެޗުގައި ލަނޑެއް ކާމިޔާބުކޮށް، 2 ލަނޑު ޖެހުމަށް އެހީތެރިވެ ދީފައެވެ.

10 ކުޅުންތެރިންނާއި އެކު ކުޅެ ލެސީ ބަލިވި މި މެޗުގެ 32 ވަނަ މިނެޓްގައި ފަބިއޯ ލުސިއޯނީ ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ފުރަތަމަ ހާފް ގައި ޔުވެންޓަސްއިން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު އެ ޓީމަށް ވަނީ ލަނޑު ޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުހިފިފައެވެ. އެގޮތުން ހާފް ނިމެން ދަނިކޮށް ރޮނާލްޑޯ ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ބޯޅަވެސް ވަނީ ގޯލާ އަމާޒުނުވެ މަތީ ދަނޑިމަތިން ބޭރަށް ގޮސްފައެވެ.

ދެވަނަ ހާފް ފެށި މެޗުގެ 53 ވަނަ މިނެޓްގައި ރޮނާލްޑޯ ދިން ޕާހަކުން އޭރިއާ ބޭރުން ޑީބަލާ ގޯލްގެ މަތީކަނަށް ފޮނުވާލި ބޯޅަ އާއިއެކު ޔުވެންޓަސް އިން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ މާގިނަ އިރުތަކެއް ނުވެ އޭރިއާ ތެރެއިން ލެސީގެ ކުޅުންތެރިއަކު ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީގައި އޭނާ ވަނީ ޔުވަންޓަސްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ބަދަލު ކުޅުންތެރިޔެއް ގޮތުގައި ހިގުއެން އަރައި މާގިނައިރު ތަކެއްނުވެ ރޮނާލްޑޯ ފުންނާބުން ދިން ރީތި ޕާހެއް ގޯލްތެރަށް ފޮނުވާލައިގެން ހިގުއެން ވަނީ މެޗުގެ ތިން ވަނަ ލަނޑު 83 ވަނަ މިނަޓްގައި ކާމިޔާބު ކޮށްފައެވެ. އޭގެ ދެމިނެޓް ފަހުން މެޗު ނިމެން ދަނިކޮށް ޑޮގްލަސް ކޯސްޓާ ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޒުވާން ޑިފެންޑަރު ޑިލައިޓް ވަނީ ޔުވެންޓަސްގެ 4 ވަނަ ލަނޑު ކާމިޔާބުކޮށް ދީފައެވެ.

ރޭ މިލިބުނު މޮޅާއި އެކު ޔުވަންޓަސް ތާވަލްގެ އެއްވަނާގައި އޮތީ ކުޅުނު 28 މެޗުން 69 ޕޮއިންޓާއި އެކުގައެވެ. ރޮނާލްޑޯ ރޭގެ މެޗުގައި ކާމިޔާބު ކުރި ލަނޑާއި އެކު އޭނާ މިހާރުވަނީ މިސީޒަންގައި ލީގުގައި ކުޅުނު 24 މެޗުން 23 ލަނޑު ކާމިޔާބުކޮށްފައެވެ.