ސެލްޓަ ވީގޯއާ ދެކޮޅަށް މިރޭ ކުޅުނު މެޗުން އެއްވަރުވެ ސްޕެނިޝް ލީގް ތަށި ދިފާއުކުރުމުގެ ފުރުސަތު ބާސެލޯނާ އަށް ވަރަށް ހަނިވެއްޖެއެވެ.

ސެލްޓަ ވީގޯގެ ދަނޑުގައި މި ދެ ޓީމް މިރޭ ބައްދަލުކުރި މެޗް އެއްވަރުވީ 2-2 އިންނެވެ. މިއާއެކު ޖުމްލަ 69 ޕޮއިންޓް ހަމަކޮށް ބާސެލޯނާ ލީގު އެއްވަނަ އަށް އެރި ނަމަވެސް މިރޭގެ މެޗުން މޮޅު ނުވެވުމުގެ ސަބަބުން އެ ޓީމަށް ލީގް ގެއްލުމުގެ ބިރު މިހާރު ވަރަށް ބޮޑެވެ. ކުރިން ވެސް ހެޑް ޓު ހެޑް އުސޫލުން ރެއާލަށް އެޑްވަންޓޭޖް އޮތުމުން އަމިއްލަ ބާރުގައި ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބާސާ އަށް އޮތީ ގެއްލިފައެވެ. އަނެއްކޮޅުން މިރޭ ބާސާ މޮޅު ނުވެވުމުގެ ފައިދާ ނަގައި މާދަމާ އެސްޕަންޔޯލްއާ ވާދަކުރާ މެޗުން ރެއާލް މޮޅުވެއްޖެނަމަ 2 ޕޮއިންޓްގެ ލީޑަކާއެކު ރެއާލް އެއްވަނަ އަށް އަރާނެއެވެ. ބާސާ އަށްވުރެ އެއް މެޗް މަދުން ކުޅެފައިވާ ރެއާލް މިވަގުތު ދެވަނައިގައި އޮތީ 68 ޕޮއިންޓާއެކު އެވެ.

މިރޭގެ މެޗްގައި ބާސެލޯނާ އިން ޖެހި ފުރަތަމަ ގޯލް 20 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީގެ އެހީތެރިކަމާއެކު ޖަހައިދިނީ ލުއިސް ސުއަރޭޒް އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމުގައި މެސީ ނަގައިދިން ބޯޅަ ބޮލުން ސުއަރޭޒް ގޯލަށް ވައްދާލީ މުޅިން ހުހަށް ހުރެއެވެ.

ސެލްޓާ އިން ނަތީޖާ އެއްވަރު ކުރީ ދެވަނަ ހާފް ފަށައިގެން 5 ވަނަ މިނެޓްގައި ފެޑޯ ސްމެލޮވް ޖެހި ގޯލުންނެވެ. އީވާން ރަކިޓިޗް އަތުން ބޯޅަ ހޯދައި ހާފުގެ މެދެއްހާ ހިސާބުން ސެލްޓާ އިން އުފެއްދި ކައުންޓާ ހަމަލާއެއްގައި އޮކޭ ޔޮކުސްލު އޭރިއާ ތެރެއަށް ވަދެ އަރިމަތިން ދިން ޕާހުގައި ރަޝިޔާ ފޯވަޑް ސްމެލޮވް ބޯޅަ ޓާ ސްޓެގަންގެ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުއެވެ.

ބާސެލޯނާ އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރީ ވެސް ސުއަރޭޒްގެ ގޯލަކުންނެވެ. އުރުގުއޭ ފޯވަޑް މިފަހަރު ގޯލް ޖެހީ މެސީ ދިން ބޯޅަ އިދިކޮޅު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މިއީ ސުއަރޭޒް މިސީޒަންގައި ޖެހި 13 ވަނަ ލީގް ގޯލެވެ.

ބާސާ މޮޅުވާން ދަނިކޮށް ސެލްޓާ އިން އެއްވަރު ކުރީ 87 ވަނަ މިނެޓްގައި ކެޕްޓަން ލާގޯ އަސްޕާސް ކާމިޔާބުކުރި ހިތްގައިމު ގޯލުންނެވެ. ރަފިންހާ އަށް ކުރި ފައުލަކާ ގުޅިގެން ބާސާގެ އޭރިއާ ލައިންމަތިން ހެން ލިބުނު ހިލޭ ޖެހުމުގައި އަސްޕާސް ޖެހި ބާރު ބޯޅަ ހުއްޓުވުމަށް ޓާ ސްޓެގަން އަށް މާބޮޑު މަސަތްކަތެއް ނުކުރެވުނެވެ.

މެޗް ނިމެން މިނެޓްކޮޅަކަށް ވެފައި ވަނިކޮށް އިތުރު ގޯލެއް ޖަހަން ސެލްޓާ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް މުޅިން ހުހަށް ހުރެ ނޮލީޓޯ ޖެހި ބޯޅަ އަމާޒުވީ ޓާ ސްޓެގަން އަތަށެވެ.

ބާސާ އަށް ދެން ކުރިއަށް އޮތީ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކޭމްޕް ނައުގައި ކުޅެން އޮތް މެޗެވެ. އަނެއްކޮޅުން ސެލްޓާ ނުކުންނާނީ ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ރެއާލް މަޔޯކާ އާއި ދެކޮޅަށެވެ.