އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ވާދަކުރާނެ ޓީމުތައް ކަށަވަރުވެއްޖެއެވެ.

އިއްޔެ ރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށްގެން ސެމީގެ ފުރަތަމަ ޖާގަ ހޯދީ މުބާރާތް ދެވަނަ އަށް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ މެންޗެސްޓަ ޔުނައިޓެޑުންނެވެ. އޭގެ ފަހުން އިއްޔެ ހަވީރު ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމް އާސެނަލް ސެމީ އަށް ދަތުރު ކުރިއިރު ލަންޑަންގެ އެހެން ކްލަބެއް ކަމަށްވާ ޗެލްސީ އިން ގަދަ ހަތަރެއްގެ ޖާގައެއް ހޯދީ ރޭ ލެސްޓާ ސިޓީ ބަލިކޮށްގެންނެވެ. ސެމީގެ ފަހު ޖާގަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އިން ހޯދީ ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެގެންނެވެ.

އެފްއޭ ކަޕް ސެމީ ފައިނަލް މެޗުތަކުގެ ގުރު މިހާރު ވަނީ ނަގައިފައެވެ. ސެމީގައި ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ނުކުންނައިރު ސިޓީ ވާދަކުރާނީ އާސެނަލްއާ އެވެ. ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު ކުޅޭނީ އިނގިރޭސިވިލާތުގެ ގައުމީ ސްޓޭޑިއަމް ކަމަށްވާ ވެމްބްލީގަ އެވެ. ސެމީގެ ފުރަތަމަ މެޗު ޖުލައި 18 ގައި ކުޅޭއިރު ދެ ވަނަ ސެމީ އޮންނާނީ ޖުލައި 19 ވަނަ ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅެން ޝެޑިއުލްކޮށްފައިވަނީ އޮގަސްޓް އެކެއްގަ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް ތިން ވަނަ މެޗުގައި ލެސްޓާގެ މައްޗަށް ޗެލްސީން ކުރި ހޯދީ 1-0 އިންނެވެ. މި މެޗުގައި ޗެލްސީން ކާމިޔާބުކުރި ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ވިލިއަން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިނގިރޭސި ފޯވަޑް ރޮސް ބާކްލޭ އެވެ.

ޗެމްޕިއަން މެންޗެސްޓަ ސިޓީން ނިއުކާސަލް ބަލިކުރީ 2-0 އިންނެވެ. ސިޓީގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ތަރި ކެވިން ޑެބްރައިންއެވެ. މިއީ ގެބްރިއަލް ހެސުސް އަށް އޭރިޔާ ތެރެއިން ނިއުކާސަލްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ސިޓީ އަށް ލިބުނު ޕެނަލްޓީއެކެވެ. ސިޓީގެ ދެ ވަނަ ގޯލު ދެ ވަނަ ހާފުގައި ޖެހީ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިން އެވެ.