މިއަހަރުގެ ސެޕްޓެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފިއެވެ.

މި މުބާރާތް ފަސްކޮށްފައި ވަނީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެންނެވެ.

ބަންގްލަދޭޝްގައި މިއަހަރު ބޭއްވުމަށް ހަމަޖެހުނު ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފައި ވަނީ އަންނަ އަހަރަށެވެ. ނަމަވެސް މުބާރާތް ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މިކަން ހާމަކޮށް އިއްޔެ، ސާފްގެ ސެކެއްޓްރީ ޖެނެރަލް އަންވަރުލް ހައްޤާ ހިލާލް، ޤައުމުތަކުގެ ސެކެޓްރީ ޖެނެރަލުންނާއި ވީޑިއޯ ކޮންފަރެން މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ، މުބާރާތް ފަސްކުރަން ޖެހުނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ޤައުމުތަކަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ކަމަށެވެ. އަދި އެގޮތަށް ނިންމަން ޖެހުނީ، މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށްވެސް، މިފަދަ މުބާރާތެއް ބޭއްވުމަށް އެންމެ އެކަށީގެންވާ ވަރަށް ޤައުމުތަކަށް ތައްޔާރު ނުވެވޭނެތީ ކަމަށް ހިލާލް ވިދާޅުވިއެވެ.

އިއްޔެގެ ބައްދަލުވުމުގައި ހިލާލް ވަނީ މި ނިންމުމާއި ގުޅިގެން ޤައުމުތަކުން ދެކޭ ގޮތްވެސް ބައްލަވާފައެވެ. މިގޮތުން މި ހުށަހެޅުމަށް ހުރިހާ ޤައުމަކުން ވެސް ވަނީ ތާޢީދުކޮށްފައެވެ.

ހިލާލް ވިދާޅުވީ، ސާފް ޗެމްޕިއަން ޝިޕް އަންނަ އަހަރު ބޭއްވުމަށް އަދި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ސީދާ ތާރީޚެއް ކަނޑައަޅާނީ ސާފްގެ މެމްބަރު ޤައުމުތަކާއި ސްޕޮންސަރުންނާއި މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ މުބާރާތަށް ތައްޔާރުވާން ވަގުތު ލިބޭނެހެން ކުރީބައިގައި ދުވަހެއް ނިންމައި އިއުލާނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެގެ ބައްދަލުވުމުގައި އިއުލާނުކުރި މި ނިންމުމާއި ގުޅިގެން އިންޑިއާއިން ވަނީ، މުބާރާތް އަންނަ އަހަރުގެ އޭޕްރިލް މަހާއި ސެޕްޓެމްބަރު މަހާއި ދެމެދުގައި ބޭއްވުމަށް ހުށަހަޅާފައެވެ. އެއީ އިންޑިއާގެ ލީގުތައް މިއަހަރުގެ ނޮވެމްބަރު މަހާއި އަންނަ އަހަރުގެ މާރިޗު މަހާއި ދެމެދުގައި ކުރިޔަށްދާނެތީ ކަމަށް އެޤައުމުން ވަނީ ބުނެފައެވެ.

ސާފްގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ ރާއްޖެއެވެ. ބަންގްލަދޭޝްގައި 2018 ވަނަ އަހަރު ކުޅުނު މި މުބާރާތުގެ ތަށި ރާއްޖެއިން އުފުއްލާލީ، ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝޮޓްގަން

    އެއީ ކީއްވެ؟ އިންޑިޔާއަށް ނުކުޅެވޭތީދޯ؟ ތިޔަދެން ބައްޔެއްނު. އިންޑިޔާ ފޫކަހާލައިފިއްޔާ މިޖެހެނީ މުޅި ދެކުނު އޭސިޔާ ހަނުތިބެން. މިކަން ބަދަލުވާނެ ދުވަހެއް ދައްކަވާށި. އިންޑިޔާއަށް ވުރެ ބާރުގަދަ ބަޔަކު މިދެކުނު އޭސިޔާގައި ލައްވާށި. އާމީން!