8 އަހަރަށްފަހު ވެސްޓްބްރޮމް ޕްރިމިއާ ލީގުން ރެލިގޭޓް ވެއްޖެއެވެ.

ވެސްޓްބްރޮމް ޕްރިމިއާ ލީގުން ރެލިގޭޓްވީ ރޭ ސައުތްހެމްޓަން އިން 0-1 އިން ސްވެންސީގެ މައްޗަށް ކުރި ހޯދުމުންނެވެ.

އެ ނަތީޖާއާއެކު ރެލިގޭޝަނުން ސަލާމަތްވުމަށް ވެސްޓްބްރޮމް އަށް އެންމެ މަދުވެގެން ވެސް ހަ ޕޮއިންޓު ބޭނުންވެއެވެ. ނަމަވެސް ލީގުގައި އެޓީމަށް ދެން ބާކީ އޮތީ އެންމެ މެޗެއް ކަމުން ވެސްޓްބްރޮމް މިހާރު ވަނީ 8 އަހަރަށްފަހު ޕްރިމިއާ ލީގުން ރެލިގޭޓް ވެފައެވެ. ވެސްޓްބްރޮމް އޮތީ 31 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

ރޭގެ މެޗުން މޮޅުވުމުން ސައުތްހެމްޓަން އިން ވަނީ އަންނަ ސީޒަނުގައި ވެސް ޕްރިމިއާ ލީގުގައި ދެމިތިބެވޭނެކަން ގާތްގަނޑަކަށް ކަށަވަރުކޮށްފައެވެ. ސައުތްހެމްޓަން އޮތީ 36 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގައެވެ. ނަމަވެސް ރޭގެ މެޗުން ބަލިވުމުން ސްވެންސީ ވަނީ ރެލިގޭޓްވުމާ ގާތަށް ޖެހިލާފައެވެ. ބާކީ އެންމެ މެޗެއް އޮތްއިރު ސްވެންސީ މިވަގުތު އޮތީ 33 ޕޮއިންޓާ އެކު ލީގުގެ 18 ވަނައިގައެވެ.

ލީގުގައި ބާކީ އޮތް ދެ މެޗުން ހަޑަލްސްފީލްޑް އެންމެ ޕޮއިންޓެއް ހޯދިޔަސް ސްވެންސީ ރެލިގޭޓްވާނެއެވެ. ހަޑަލްސްފީލްޑް މިވަގުތު އޮތީ 36 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގައެވެ. ލީގުގެ ފަހު ދެ މެޗުގައި ހަޑަލްސްފީލްޑް ބައްދަލުކުރާނީ ޗެލްސީ އާއި އާސެނަލްއާއެވެ.

ވެސްޓްބްރޮމްގެ އިތުރުން ޕްރިމިއާ ލީގުން ދެން ރެލިގޭޓް ވެފައިވަނީ ސްޓޯކް ސިޓީއެވެ.

ޕްރިމިއާ ލީގުން ވެސްޓްބްރޮމް ރެލިގޭޓްވިއިރު އެޓީމުން ވަނީ މި ސީޒަނުގައި ދެ ފަހަރެއްގެ މަތިން ކޯޗުކަމުގެ މަގާމަށް ވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ވެސްޓްބްރޮމް އިން މި ސީޒަން ފެށީ ޓޯނީ ޕިއުލިސްއާ އެކުއެވެ. ނަމަވެސް ސީޒަނުގެ ވަކި ހިސާބަކުން އޭނާ ވަކިކުރުމަށްފަހު ދެން އެ މަގާމަށް ހަމަޖެއްސީ އެލެން ޕާޑިއުއެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު ޕާޑިއު ވެސް މަގާމުން ވަނީ ވަކިކޮށްފައެވެ.

ވެސްޓްބްރޮމްގެ ކޯޗުކަމުގެ މަގާމު ވަގުތީ ގޮތުން މިހާރު އަދާކުރަމުން އަންނަނީ އެ ކްލަބަށް ކުރިން ކުޅުނު ޑަރެން މޯއެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ވެސްޓްބްރޮމް އިން ވަނީ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް އަދި ނިއުކާސަލް ފަދަ ޓީމުތައް ބަލިކޮށްފައެވެ.