އިނގިރޭސި ޕްރިމިއަ ލީގުގައި ވެސްޓް ހަމް ޔުނައިޓެޑާ ބައްދަލުކުރި މެޗުން ބަލިވެ، ލީގުގެ ތިންވަނަ އަށް އަރަން ލިބުނު ފުރުސަތު ޗެލްސީ އިން ނަގާލިއިރު އާސެނަލުން ފުލުގައި އޮތް ނޯވިޗް ކޮޅަށް ހަތަރު ގޯލު ޖަހައި ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފިއެވެ.

އެވަޓަން އާ ދެކޮޅަށް ރަށުން ބޭރުގައި ލެސްޓާ ކުޅުނު މެޗުން އެ ޓީމް ބަލިވުމުން ވެސްޓް ހަމް ބަލިކޮށްގެން ތިންވަނަ މަގާމަށް ޖެހިލުމުގެ ފުރުސަތު ޗެލްސީ އަށް އޮތެވެ. އެހެންނަމަވެސް ޗެލްސީ އަށް ފުރުސަތު ގެއްލުނީ ޑޭވިޑް މޯއިސްގެ ވެސްޓް ހަމް އަތުން މޮޅުނުވެވުމުންނެވެ. ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗް ވެސްޓް ހަމް އިން ކާމިޔާބުކުރީ 3-2 އިންނެވެ.

މި މެޗްގެ ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް ވިލިއަން ކާމިޔާބުކުރި ޕެނަލްޓީ އަކުން ޗެލްސީ ލީޑް ނެގި ނަމަވެސް ހާފުގެ ފަހު މިނެޓުގައި ވެސްޓް ހަމްގެ ތޯމަސް ސޫޝެކް ވަނީ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗްގެ 51 ވަނަ މިނެޓުގައި މިކެލް އެންޓޯނިއޯ ޖެހި ގޯލުން ވެސްޓް ހަމް އިން ފުރަތަމަ ފަހަރަށް ލީޑް ނަގާފައިވަނިކޮށް 71 ވަނަ މިނެޓުގައި ޗެލްސީ އަށް އެއްވަރު ކޮށްދިނީ އެޓީމްގެ ފުރަތަމަ ގޯލް ވެސް ޖަހައިދިން ވިލިއަން އެވެ. ވެސްޓް ހަމް އަށް މެެޗުން ތިން ޕޮއިންޓް ހޯދައިދިން ގޯލް އަންޑްރޭ ޔަރްމަލެންކޯ ޖެހީ މެޗް ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ.

ޗެލްސީ ހަތަރު ވަނައިގައި އޮތީ 54 ޕޮއިންޓާއެކުއެވެ. އިތުރަށް އެއް ޕޮއިންޓް ލިބިގެން ލެސްޓާ ތިންވަނައިގައި އޮތްއިރު 52 ޕޮއިންޓާއެކު ފަސްވަނައިގައި އޮތް މެންޗެސްޓަ ޔުނައިޓެޑުން އަންނަނީ ގަދަ ހަތަރަކަށް ޕްރެޝަރު ބޮޑު ކުރަމުންނެވެ. ރޭ ޗެލްސީ ބަލިކުރި ވެސްޓް ހަމް އޮތީ 30 ޕޮއިންޓާއެކު 16 ވަނައިގައެވެ.

ޗެލްސީ ބަލިވިއިރު ލަންޑަން އަށް ނިސްބަތްވާ އާސެނަލުން ވަނީ ނޯވިޗްގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި އާސެނަލް އަށް ގޯލްތައް ޖަހައިދިނީ ޕިއެރެ އެމެރިކް އޮބާމެޔަންގް އާއި ގްރަނިޓް ޝަކާ އަދި ސެޑްރިކް ސޯރެސް އެވެ. މީގެ ތެރެއިން ގެބޮން ފޯވަޑް އޮބާމެޔަންގް ވަނީ މެޗްގައި ދެ ގޯލް ޖަހައިފައެވެ. މިއާއެކު އޭނާ ވަނީ މިސީޒަންގައި 19 ގޯލް ހަމަކޮށް ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ އެއްވަނަ އަށް ޖެހިލައިފައެވެ. ލިސްޓުގެ އެއްވަނަ އޮބާމެޔަންގް ހިއްސާ ކުރަނީ 19 ގޯލް ކާމިޔާބުކޮށްފައިވާ ލެސްޓާގެ ފޯވަޑް ޖޭމީ ވާޑީ އާއެކުއެވެ.

ރޭގެ މޮޅަކީ އާސެނަލުން ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅެވެ. ކޮވިޑް-19 އަށް ފަހު ލީގު އަލުން ފަށައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް މިކެލް އާޓެޓާގެ ޓީމުން ވަނީ ފަހަކަށް އައިސް އެޓީމްގެ ނަތީޖާތަށް ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އާސެނަލް އޮތީ 47 ޕޮއިންޓާއެކު ލީގުގެ 7 ވަނައިގައެވެ.