ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަންނަ އަހަރު އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން މިހާރު 33 އަހަރުގެ މެސީ ބާސާއާއެކު އެންމެ ފަހުން ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެހެންނަމަވެސް މީގެ ތިން އަހަރު ކުރިން މެސީ ސޮއި ކުރި ކޮންޓްރެކްޓް އާ ކުރަން ދެ ފަރާތުން ކުރަމުން އައި މަޝްވަރާތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

މެސީ ބާސާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައިވާ ގޮތުން ސީޒަން ނިމޭތާ ވަކި މުއްދަތެއްގެ ތެރޭގައި އެކަށީގެންވާ އަގަކަށް ކްލަބް ދޫކޮށްލުމުގެ އިހުތިޔާރު އޭނާ އަށް އޮވެ އެވެ. ރިޕޯޓުތައް ބުނާގޮތުން މެސީ ބޭނުންވަނީ އަންނަ ސީޒަނުގައި އެއްބަސްވުން ހަމަވުމުން، ކޮންޓްރެކްޓް އާ ނުކޮށް ކްލަބު ދޫކޮށްލާށެވެ. އެކެޑެމީން ފެށިގެން ބާސާ އަށް ކުޅެމުން އަންނަ މެސީ އެ ކްލަބު ދޫކޮށްލަން ބޭނުންވަނީ ބާސާ ހިންގުމުގައި އޭނާގެ ނުފޫޒު އޮންނަ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަށް ހުއްޓުވަން ކްލަބްގެ ބޯޑުން މަސައްކަތްނުކުރުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުން އިސްވެ އެ ޓީމުގެ ކުރީގެ ތަރިންނާއި މިހާރުގެ ބައެއް ކުޅުންތެރިންގެ އަގު ވައްޓާލަން ސޯޝަލް މީޑިއާގައި މަސައްކަތްކުރުމަކީ ވެސް ކްލަބުގެ ވެރިންނާ މެސީއާ ދެމެދު މައްސަލަ ގޯސްވި އެއް ސަބަބެކެވެ.

މެސީ ވަނީ މީގެ ކުރިން ވެސް ބާސާ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން މަސަތްކަތްކޮށްފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުނީ މީގެ ފަސް އަހަރު ކުރިން ބާސާ ދޫކޮށްދާން ނިންމި ކަމަށާއި އެދުވަސްކޮޅު އެހެން ގައުމަކަށް ބަދަލުވާން ކްލަބުތަކާ މަޝްވަރާވެސް ކުރި ކަމަށެވެ. މެސީ ބުނީ ސްޕެއިން ދޫކޮށް އެހެން ގައުމަކަށް ބަދަލުވާން ނިންމީ އޭރު ޓެކްސް އަށް މަކަރު ހަދައިގެން އޭނާ އަށް ކުރިމަތިވަމުންދިޔަ ޕްރެޝަރުތަކާއި ހެދި އޭނާގެ ސިކުނޑި ސުމަކަށް ދިއުމުން ކަމަށެވެ.

މެސީގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެމުން އަންނައިރު މެސީ އިންގްލަންޑުގެ މެންޗެސްޓާ ސިޓީ ނުވަތަ އިޓަލީގެ އިންޓަ މިލާނަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވަނީ ދާދި ފަހުން ފެތުރިފައެވެ.