ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމަށް ކުޅެދީފައިވާ 109 މެޗު ބަލައިގަނެ ފީފާ އިން އޭނާ، އެ އެސޯސިއޭޝަނުގެ ސެންޗަރީ ކްލަބުގައި ހިމެނުމުން ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފިއެވެ

ފީފާ ސެންޗަރީ ކްލަބަކީ ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅުނު ކުޅުންތެރިން ހިމެނޭ ކެޓަގަރީގެ ލިސްޓެވެ. މި ލިސްޓްގައިވާ ގޮތުން އިމްރާން ވަނީ ގައުމީ ޓީމަށް 109 މެޗު ކުޅެފަ އެވެ. މިދިޔަ އަހަރު ފުޓްބޯޅަ ކުޅުން ހުއްޓާލި އިމްރާނުގެ ނަން އިތުރުކޮށްފައި ވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ފީފާ އިން އާއްމުކުރި އަޕްޑޭޓެޑް ލިސްޓުގައެވެ.

ފީފާ ސެންޗަރީ ކްލަބުގައި ހިމެނުމާ ގުޅިގެން އިމްރާން ބުނީ މިއީ ދިވެހި ފުޓްބޯޅައަށް އަދި އޭނާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ހިސާބަށް އައުމަށް އޭނާއަށް އެހީތެރިވެދިން އެންމެންނަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ފީފާ ލިސްޓުގައި އޭނާގެ ނަން ހިމެނުމަށް ވަކިވަކިން މެޗުތައް ވެރިފައި ކުރުމުގައި އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމްގެ ކުރީގެ ފޯވަޑް އަލީ އުމަރު ކުރެއްވި މަސަތްކަތް ފާހަގަކޮށް އިމްރާން ވަނީ އޭނާ އަށް ޝުކުރުއަދާކޮށްފައެވެ.

“ފީފާ ސެންޗަރީ ކްލަބުގައި ހިމެނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަހުރެއް. މި ކާމިޔާބީގެ ހައްގުވެރިންނަކީ އަޅުގަނޑުގެ ފުޓްބޯޅަ ކެރިއަރުގެ މައިބަދައިގެ ގޮތުގައި މިވީހާ ދުވަހު ތިބި ހުރިހާ ސަޕޯޓަރުން. އެ ހުރިހާ އެންމެނަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން. އަދި އަޅުގަނޑު ކުޅެދިން ހުރިހާ ކްލަބަކާ އެފްއޭއެމް އަށް ވެސް ޝުކުރު އަދާކުރަން. އަދި ވަކިން ހާއްސަކޮށް ފީފާ ލިސްޓުގައި ހިމެނުމަށް ވަކިވަކިން މެޗުތައް ވެރިފައި ކުރުމަށް އަލީ އުމަރު ދިން ވަގުތާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ކާމިޔާބީ ޑެޑިކޭޓް ކޮށްލަން ބޭނުންވަނީ ސަޕޯޓަރުންނާއި މުޅި ފުޓްބޯޅަ އަށް ލޯބިކުރާ ހުރިހާ ފަރާތްތަކަށް،“ އިމްރާން އޭނާގެ ފޭސްބުކްގައި ލިޔުނު ޕޯސްޓެއްގައި ބުނެފައިވެއެވެ.

ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި މީހުން ތަމްރީނު ކުރުމުގެ ރޮނގުން މިދިޔަ އަހަރު ގައުމީ އިނާމް ހާސިލްކުރި އިމްރާން އެންމެ ފުރަތަމަ ގައުމީ ޓީމަށް މެޗެއް ކުޅުނީ ފެބްރުއަރީ 15، 2000 ގަ އެވެ. ގައުމީ ޓީމަށް އޭނާ އެންމެ ފަހުން މެޗެއް ކުޅުނީ އޮކްޓޯބަރު 11، 2016 ގައި ލާއޯސް އާ ދެކޮޅަށެވެ.

ގައުމީ ޓީމަށް 2003، 2005، 2008، 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅެ އިމްރާން ވަނީ 2008 ވަނަ އަހަރު ރާއްޖެ އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި އަދި 2003 އާއި 2009 ގައި ދެ ވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.