ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ހިލޭ ޖެހުމާއި އެކު ޔުވެންޓަސް އިން ޓޮރިނޯ ބަލިކޮށްފި އެވެ.

ރޭ އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ޓޮރިނޯ ބައްދަލު ކުރި މެޗު 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޔުވެންޓަސް އިންނެވެ.

ފަސޭހަ ކަމާއި އެކު ޔުވެންޓަސް އިން ކާމިޔާބު ކުރި މިމެޗުގެ ފުރަތަމަ ލަނޑު މެޗު ފެށި ތިން ވަނަ މިނެޓް ގައި ޕައުލޯ ޑީބަލާ ގޯލަށް ޖަހައި ވަނީ ކާމިޔާބު ކޮށްފައެވެ.

މެޗުގެ 29 ވަނަ މިނެޓް ގައި ރޮނާލްޑޯ ލީ ޕާހަކުން ކުއަޑްރާޑޯ އޭރިއާ ތެރޭން ގޯލަށް ޖަހައި ވަނީ ޔުވެންޓަސް އަށް ލީޑު ފުޅާ ކޮށްދީ ފައެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް ޔުވެންޓަސްގެ ޑިލައިޓް އަތުގައި އޭރިއާ ތެރޭން ބޯޅަ ޖެހި ޓޮރިނޯ އަށްވަނީ ޕެނަލްޓީ އެއް ލިބެފައެވެ. މި ލިބުނު ޕެނަލްޓީ އެންޑްރިއާ ބެލޮއްޓީ ކާމިޔާބުކޮށް ޓޮރިނޯގެ ހަމަ އެކަނި ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާ އަކުންނެވެ.

ދެވަނަ ހާފް ފެށި ޔުވެންޓަސް އިންވަނީ ޓޮރިނޯގެ ގޯލަށް ނުރައްކާތެރި ހަމަލާ ތަކެއް ފޮނުވާލާފައެވެ. ދެވަނަ ހާފްގެ 61 ވަނަ މިނެޓްގައި ލިބު ހިލޭ ޖެހުމަކުން ރޮނާލްޑޯ ވަނީ ޔުވެންޓަސްގެ ތިން ވަނަަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ ރޮނާލްޑޯ 43 ވަނަ ހިލޭ ޖެހުން ޔުވެންޓަސް އަށް ޖަހައިގެން ކާމިޔާބު ކުރެވުނު ފުރަތަމަ ލަނޑެވެ.

ޔުވެންޓަސްގެ ހަތަރު ވަނަ ލަނޑަކީ ޓޮރިނޯގެ ޑިޖިޑިޖީގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިމެޗުގައި ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑާއި އެކު އޭނާ ވަނީ ޔުވެންޓަސްއަށް މިހާތަނަށް 1960 ގެ ފަހުން ސެރިއްޔާ އޭގައި 25 ލަނޑު ސީޒަނެއްގައި ކާމިޔާބު ކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.

މި މެޗުން ޔުވެންޓަސް މޮޅު ވުމާއިއެކު އެ ޓީމު އޮތީ ތާވަލްގެ އެއްވަނާގައި 75 ޕޮއިންޓާއި އެކުގައެވެ.