ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ގަދަ 16 އަށް އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭ ދަތުރުކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ ޔޫތް ސިޓީ ފުޓްސަލް މުބާރާތުގައި ރޭ ކުރިއަށް ގެންގޮސްފައި ވަނީ ފިރިހެން ޑިވިޝަންގެ ތިންވަނަ ބުރުގެ ފަހު މެޗުތަކެވެ.

ރޭގެ މެޗުތައް ކާމިޔާބުކޮށް، ގަދަ 16 އަށް ދަތުރުކުރީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭއާއި ޑީސީ ޖޭއާއި ތިމަރަފުށި ޔޫތު ޕްލޭޔާސްއެވެ. އަދި ބަޖިޔޭ އަތުން ބަލިވި ޕާކްއަށް ވެސް ވަނީ ގަދަ 16ގެ ޖާގައެއް ލިބިފައެވެ. އެޓީމަށް ގަދަ 16 ގެ ޖާގައެއް ލިބުނީ ތިންވަނަ ބުރުގައި ބަލިވި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ޓީމުގެ ގޮތުގައެވެ.

ރޭ ކުޅުނު ތިންވަނަ ބުރުގެ ފަހު މެޗުތަކުގެ ތެރެއިން ޕާކްގެ މައްޗަށް ބަޖިޔޭ ކުރި ހޯދީ 13-14 ގެ ނަތީޖާއިންނެވެ. އަދި ޔޫތު ރިވޮލޫޝަން ކްލަބު (ވައިއާރްސީ) އަތުން ތިމަރަފުށި ޔޫތު ޕްލޭޔާސް 2-1 ގެ ނަތީޖާއިން މޮޅުވިއިރު، ޕަންކް ހޫލިގަންސް ބަލިކޮށް ޑީސީޖޭއިން ވަނީ ގަދަ 16 ގެ ޖާގަ ކަށަވަރުކޮށްފައެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ގަދަ 16 ގެ މެޗުތައް ފަށަން ހަމަޖެހިފައިވަނީ މިރެއެވެ. އެގޮތުން ގަދަ 16 ގެ ހަތަރު މެޗެއް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ޖުމްލަ 136 ޓީމާއެކު ފެށިގެން ކުރިއަށްދާ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 120 ޓީމު، އަދި އަންހެން ޑިވިޝަނުގައި 16 ޓީމު ވާދަކުރެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ކުރިއަށް ދަނީ ނޮކްއައުޓް އުސޫލުންނެވެ. އަދި އަންހެން ޑިވިޝަން ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލުމަށްފަހު، ގްރޫޕް ސްޓޭޖް މެޗުތައް ނިމުމުން އެންމެ ކުރީގައި އޮންނަ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މިފަހަރުގެ މުބާރާތުގެ ފައިސާގެ އިނާމްތައް ބޮޑުކޮށް ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ވަނީ ހުށަހަޅާފަ އެވެ.