ރިއަލް މެޑްރިޑުގެ ކެޕްޓަން ސަޖިއޯ ރާމޮސް ކާމިޔާބު ކުރި ޕެނަލްޓީ އާއި އެކު ރިއަލް އިން އެތްލެޓިކް ބިލްބާއޯ ބަލިކޮށްފިއެވެ.

މިރޭ ސްޕެނިޝް ލަލީގާ ގައި ރިއަލް މެޑްރިޑް އާއި އެތްލެޓިކް ބިލްބާއޯ ބައްދަލު ކުރި މެޗު ރިއަލް މޮޅުވީ 1-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުން ރިއަލް މޮޅުވުމާއިއެކު އެ ޓީމުން ވަނީ ވާދަވެރި ބާސާއަށް ވުރެ އެއް މެޗު އިތުރަށް ކުޅެ 7 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ރިއަލް އިން މި މެޗުގައި ކުޅުނު އިރު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-0 ގެ ނަތީޖާ އަކުން އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެވަނަ ހާފްގައި ބިލްބާއޯގެ ޑިފެންޑަރެއް މާސެލޯއަށް ކުރި ފައުލަކާއި ގުޅިގެން ރިއަލްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިލިބުނު ޕެނަލްޓީގައި މެޗުގެ 73 ވަނަ މިނެޓް ގައި ރާމޮސް ގޯލަށް ޖަހައި ވަނީ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ. މި މެޗުގައި ރާމޮސް ކާމިޔާބު ކުރި ލަނޑާއިއެކު އޭނާ ވަނީ ލީގު އަލުން ފެށުމަށް ފަހު ކުޅުނު 7 މެޗުން ފަސްވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ މިސީޒަން ގައި އޭނާ ޖެހި 10 ވަނަ ގޯލެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ރިއަލް އިން ވަނީ ލީގު ހޯދުމާއި ގާތަށް ޖެހިލާފައެވެ. ބާކީ ލީގުގައި 4 މެޗު އޮތް އިރު އޭގެތެރެއިން 3 މެޗު ކާމިޔާބުކޮށްގެން ރިއަލްއަށް ލީގު ހޯދޭނެއެވެ.

މި މެޗުގައި ރިއަލްގެ ކޮޅަށް ގޯލެއް ނުވަނުމާއެކު އެ ޓީމުގެ ކީޕަރު ކްރޮޓްވާ ވަނީ ރިއަލްއަށް 17 މެޗުގައި އެ ޓީމުގެ ކޮޅަށް ގޯލަށް ނުވަދެ 1995 ގެ ފަހުން އެންމެ ގިނައިން ކްލީން ޝީޓްސް ގާއިމް ކުރި ކީޕަރަށް ވެފައެވެ.

ރިއަލް މިހާރު ތާވަލްގެ އެއްވަނާގައި އޮތީ 77 ޕޮއިންޓާއި އެކުގައެވެ.