ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ކުޅުން ފަށައިފިއެވެ.

ޖުމްލަ 10 ޓީމާއެކު ފެށި މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ތިން ޕޫލަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާތަނަށް ވަނީ ހަތަރު މެޗެއްގެ ކުޅުން ނިމިފައެވެ.

ފުރަތަމަ މެޗުގައި ވާދަކުރި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދުމަށްފަހު އެ މެޗު ކާމިޔާބުކުރީ ވެމްކޯއެވެ. އެ މެޗުގެ ސެޓްތައް ވެމްކޯއިން ކާމިޔާބުކުރީ 25-11، 25-22 އަދި 25-9 ކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ވާދަކުރި އައްޑޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދުމަށްފަހު އެ މެޗު ކާމިޔާބުކުރީ ހުޅުމާލޭ ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީއެވެ. އެ ޓީމުން މެޗުގެ ސެޓުތައް ގެންދިޔައީ 25-17، 25،21 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީގެ އައިޝަތު ޔުމްނާއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި ޒެނިތު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު، ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޕޮލިސް ކްލަބެވެ. ޕޮލިސް ކްލަބުން ފަސޭހަކަމާއެކު އެމެޗުގެ ސެޓުތައް ގެންދިޔައީ 25-18، 25-17 އަދި 25-12 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާއެވެ.

ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކްލަބާއި ވާދަކުރި މެޗު 3-1 ސެޓުން މާފަންނު ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީ ވަނީ ކާމިޔަބުކޮށްފައެވެ. އެމެޗުގެ ފުރަތަމަ ދެ ސެޓް 25-16 އަދި 25-23 އިން މާފަންނު ޔޫތު ޑެވަލޮޕްމަންޓުން ކާމިޔާބު ކުރިނަމަވެސް ފޮނަދޫ މެދު އަވަށު ސްޕޯޓްސް ކްލަބުން ވަނީ 25-20 ގެ ނަތީޖާއިން ތިންވަނަ ސެޓު ކާމިޔާކޮށްފައެވެ. އެހެން ނަމަވެސް ޖެހިގެން އައި ހަތަރުވަނަ ސެޓް 25-23 އިން ކާމިޔާބުކޮށް، މާފަންނު ޔޫތު ޑެވަލޮޕްމަންޓުން ވަނީ މެޗު ގެންގޮސްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފަންނު ޔޫތު ޑެވަލޮޕްމަންޓް ސޮސައިޓީގެ އައިޝަތު މާޖިދާއެވެ.

މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ތިން ޕޫލަކަށް ބަހާލުމަށްފަހު ކޮންމެ ގްރޫޕަކުން އެއް ޓީމް ދެވަނަ ބުރަށް ދަތުރުކޮށް، އެ ތިން ޓީމް ދެވަނަ ބުރުގައި ލީގު ބުރެއްގައި ވާދަކުރާ އުސޫލުންނެވެ. އަދި ލީގު ބުރު ނިމޭ އިރު، އެއްމެ ކުރީގައިވާ ދެ ޓީމް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މި މުބާރާތުގެ އަންހެން ޑިވިޝަންގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ޓީމަކީ ޕޮލިސް ކްލަބެވެ.