ލިޔޯންގެ ކެޕްޓަން ނަބީލް ފެކީރް ލިވަޕޫލަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

މީޑިއާ ރިޕޯޓް ތަކުގައި ބުނެފައިވަނީ ލިޔޯންގެ ކެޕްޓަން ނަބީލް ފެކީރް އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް މިދިޔަ ޖެނުއަރީ މަހުތެރޭ ބައްދަލުކޮށްފައިވާ ކަމަށާއި އެ ބައްދަލުވުމުގެ ތެރެއިން ފެކީރްގެ ޓްރާންސްފާގެ ހުރިހާ ކަމަކާމެދު ކްލޮފްއާއި ދެމެދު އަނގަބަހުން އެއްބަސްވެފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތަކުގައި އިތުރަށް ބުނެފައި ވަނީ އަލްޖީރިއާ އަށް އުފަން އުމުރުން 24 އަހަރުގެ ފެކީރް ހޯދަން 61 މިލިއަން ޕައުންޑުގެ އަގެއް ލިވަޕޫލުން ބިޑް ކުރާނެ ކަމަށާއި، ލިވަޕޫލުން ފެކީރް ގެންދަން ނިންމީ އެޓީމުގެ ޖަރުމަނުގެ މިޑްފީލްޑަރު އެމްރޭ ޗާންގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާތީ ކަމަށެވެ. އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާން ޗާން ނިންމާފައިވާ ކަމަށެވެ.

ފްރާންސް ގައުމީ ޓީމަށް 10 މެޗު ކުޅެދީފައިވާ ފެކީރް އަންނަނީ މި ސީޒަނުގައި ލިޔޯންއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ފެކީރް ވަނީ މި ސީޒަނުގައި މިހާތަނަށް 20 ގޯލު ޖެހުމަށްފަހު ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. ފެކީރް ހޯދަން އިޓަލީގެ އިންޓަ މިލާނާއި އިނގިރޭސި ކްލަބް އާސެނަލްއިންވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު