ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ނ. މިލަދޫގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ މިލަދޫ ރަށު ކައުންސިލާއި ޒުވާނުން އެދުނު ގޮތަށް އެ ރަށު ފުޓްސަލް ދަނޑު ތަރައްގީކޮށްފައިވާ ކަމަށެވެ. އަދި މި ދަނޑަކީ ދެ ޖިންސުގެ ޒުވާނުންވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މި ދަނޑުގެ މަސައްކަތް ނިންމާލުމަށް މިލަދޫ ކައުންސިލާއި ޒުވާނުން އަދި މިލަދޫ ހިމެނޭ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވި އެވެ.

މިލަދޫ ފުޓްސަލް ދަނޑުގެ މަސަތްކަތް ކޮށްފައިވަނީ ސަން ބްރަދަރ ކުންފުނިންނެވެ. ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލި މި ދަނޑުގެ މަސައްކަތަށް ގާތްގަނޑަކަށް 1،035،000 (އެއް މިލައަން ތިރީސް ފަސް ހާސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރަށްރަށުގައި ދަނޑުތައް އެޅުމުގެ ވައުދުގެ ދަށުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކާއި ޓާފް ފުޓްބޯޅަ ދަނޑުތައް އަޅަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑާއި ހަމަ އެ އަތޮޅު ކޮނޑޭގެ ފުޓްސަލް ދަނޑުގެ މަސައްކަތުގެ އިތުރުން ހދ. ކުމުންދޫ ފުޓްސަލް ދަނޑުގެ މަސަތްކަތް ވެސް ވަނީ ނިންމާލައި ބޭނުން ކުރަން ފަށައިފައެވެ.