ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލި އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޯބަރު މަހު އަލުން ފަށާއިރު، ދެކުނު އޭޝިއާ ޓީމުތަކުގެ ގްރޫޕް މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް ނިންމައިފިއެވެ.

އޭއެފްސީން މިދިޔަ މަހު ކްލަބުތަކާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ދެ ޕްރޮޕޯސަލަކީ ކުރިން ކުޅޭ ގޮތަށް ހޯމް އެންޑް އަވޭ އުސޫލުކުން ކުރިއަށް ދިއުން ނޫނީ އެއް ގައުމަކަށް ހުރިހާ ޓީމުތަކެއް ގޮސްގެން އެއް ދަނޑެއްގައި ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް ކުޅޭ ގޮތަށެވެ. މި ދެ ގޮތުން ފާސްކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހު 23 އިން ނޮވެމްބަރު 4 އާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ގޮތަށެވެ. މި ވަގުތު ހަދާފައި އޮތް ޝެޑިއުލަށް ބަލާއިރު، 13 ދުވަހު ތެރޭގައި ހުރިހާ ގްރޫޕް ސްޓޭޖުގެ މެޗެއް ނިމޭނެއެވެ. ބާކީ ފަސް މެޗު ކޮންމެ ޓީމެއް ނުކުޅެ އޮތްއިރު، ކޮންމެ ދެ މެޗެއްގެ ދެމެދު ދެ ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ.

މެޗުތައް އެއް ދަނޑެއްގައި ކުޅެން ނިންމިއިރު، އޭއެފްސީން މި ވަގުތު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެމްބަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ. އަދި މި މަހުގެ ނިޔަލަށް ބެލުމަށް ފަހު މެޗުތައް ބާއްވާ ގައުމެއް އިއުލާން ކުރާނެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި މި ފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެއެވެ. މި ގްރޫޕްގައި އޮތީ ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

މާޒިޔާ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ކޮލިފައިން ބުރު ކާމިޔާބު ކުރުމަށް ފަހު އެވެ. ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ވަނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި ޕްލޭއޮފް ބުރުގައި ވަނީ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު ކަޓުވާލައިފަ އެވެ.

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖް ޝެޑިއުލް ހަމަޖެހިފައިވާ ގޮތް

- މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޫބަރު)

- މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޫބަރު)

- ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޫބަރު)

- މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)

- ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)

ކޮވިޑް-19 ގެ ބްރޭކުގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހުގެ 12 ވަނަ ދުވަހު ވާދަކޮށްފަ އެވެ. އެ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ ދެކޮޅަށް ކުޅެފައެވެ.