ކްރިސްޓަލް ޕެލަސް ބަލިކޮށް ޗެލްސީ އިން އިނގިރޭސި ޕްރިމިއަ ލީގް ތާވަލުގެ ތިންވަނަ އަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ރޭ ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗް ޗެލްސީން ކާމިޔާބުކުރީ 3-2 އިންނެވެ. މި މޮޅާއެކު ޗެލްސީ ތިންވަނަ އަށް ޖެހިލީ 34 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ. 59 ޕޮއިންޓް ހޯދައިގެން ކުރިން ތިންވަނައިގައި އޮތް ލެސްޓާ ވަނީ ހަތަރު ވަނަ އަށް ވެއްޓިފައެވެ. ރޭ ޗެލްސީ އަތުން ބަލިވި ޕެލަސް އޮތީ 42 ޕޮއިންޓާއެކު 14 ވަނައިގައެވެ.

ރޭ ޕެލަސް ކޮޅަށް ޗެލްސީން ޖެހި ފުރަތަމަ ގޯލް މެޗް ފަށައިގެން ހަ ވަނަ މިނެޓުގައި ވިލިއަން ދިން ބޯޅައަކުން ޖެހީ އޮލިވިއަ ޖިރޫއެވެ. މިއީ ފްރާންސް ފޯވަޑް އެންމެ ފަހުން ކުޅުނު އަށް ލީގް މެޗްގައި ޖެހި ފަސް ވަނަ ގޯލެވެ. ޖިރޫގެ ގޯލަށްފަހު މެޗްގެ 27 ވަނަ މިނެޓުގައި އަނެއްކާވެސް ވިލިއަންގެ އެހީތެރިކަމާއެކު ޗެލްސީ އަށް ލީޑް ފުޅާކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ.

ޕެލަސް އިން ފަރަގު ކުޑަކުރީ 34 ވަނަ މިނެޓުގައި ވިލްފްރައިޑް ޒަހާ ކާމިޔާބުކުރި ގޯލުންނެވެ. މެޗްގެ 72 ވަނަ މިނެޓުގައި އިނގިރޭސި ޒުވާން ފޯވަޑް ޓެމީ އަބްރަހަމްގެ ގޯލަކުން ޗެލްސީން ދެވަނަ ފަހަރަށް ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ޖެހިގެން އައި މިނެޓުގައި ކްރިސްޓިއަން ބެންޓެކޭ ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ.

ޗެލްސީ އަށް ދެން ކުރިއަށް އޮތީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅެން އޮތް މެޗެވެ.