އޭސީ މިލާން އަތުން ބަލިވެ އިޓަލީ ލީގުގެ އެއްވަނައިގައި 10 ޕޮއިންޓްގެ ލީޑެއް ނަގަން ލިބުނު ފުރުސަތު ޔުވެންޓަސް އިން ނަގާލައިފިއެވެ.

ރޭ އޭސީ މިލާނާ ޔުވެންޓަސް ބައްދަލުކުރި މެޗް މިލާނުން ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށް ފަހު 4-2 އިންނެވެ.

މި މެޗްގެ ކުރިން ލީގުގެ ދެ ވަނައިގައި އޮތް ލާޒިއޯ އެޓީމް ކުޅުނު މެޗުން ބަލިވެފައިވުމުން މިލާން އަތުން މޮޅެއް ހޯދައިގެން އެއްވަނައިގައި ލީޑް 10 ޕޮއިންޓަށް ފުޅާކުރެވެން ޔުވެންޓަސް އަށް އޮތެވެ.

މުޅިއަކު 31 މެޗުން ހޯދި 71 ޕޮއިންޓާއެކު ޔުވެންޓަސް ސެރިއާގެ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ލާޒިއޯ އަށް ވުރެ ހަތް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. 31 މެޗުން ލާޒިއޯ 68 ޕޮއިންޓް ހޯދާފައިވާއިރު އެއް މެޗް މަދުން ކުޅެގެން ތިންވަނައިގައި އިންޓަ މިލާން އޮތީ 64 ޕޮއިންޓާއެކުއެވެ. ރޭ އޭސީ މިލާނުން ހޯދި މޮޅާއެކު އެޓީމުން ވަނީ 49 ޕޮއިންޓް ހަމަކޮށް ތާވަލުގެ ފަސް ވަނަ އަށް ޖެހިލައިފައެވެ.

މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗްގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ދެވަނަ ހާފުގައެވެ. އެޑްރިއެން ރަބިއޮޓް 47 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑް ނަގައިދިން އިރު 53 ވަނަ މިނެޓްގައި އެޓީމްގެ ދެ ވަނަ ގޯލް ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޔުވެންޓަސް ދެ ގޯލުގެ ދެ ލީޑެއްގައި އޮއްވާ މިލާނުން ނަތީޖާ އަނބުރާލީ ފަހު 30 މިނެޓުގައެވެ. މެޗްގެ 62 ވަނަ މިނެޓުގައި ޕެނަލްޓީއަކުން މިލާނުގެ ފުރަތަމަ ގޯލް ޖެހީ ޒަލަޓަން އިބްރަހިމޮވިޗެވެ. މިއީ ޔުވެންޓަސްގެ އޭރިއާ ތެރެއިން އެޓީމްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ރެފްރީ މިލާނަށް ދިން ޕެނަލްޓީއެކެވެ.

އިބްރަހިމޮވިޗްގެ ޕެނަލްޓީން މިލާނުން ފަރަގު ކުޑަ ކުރިއިރު އޭގެ ފަހުން ކައިރި ކައިރީގައި ދެ ގޯލް ޖަހައި އެ ޓީމުން ވަނީ ނަތީޖާ އަނބުރާލައިފައެވެ. 66 ވަނަ މިނެޓުގައި މިލާންގެ ދެވަނަ ގޯލް ފްރޭންކް ކެސީ ކާމިޔާބުކުރި އިރު ޖެހިގެން އައި މިނެޓުގައި އެޓީމުން މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނެގީ ރަފޭލް ލިއާއޯ ޖެހި ގޯލުންނެވެ. މިލާނަށް ހަތަރު ވަނަ ގޯލެއް ޖަހައިދިީ އެޓީމަށް މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ 80 ވަނަ މިނެޓުގައި އަންޓެ ރެބިކްއެވެ.

ރޭގެ މެޗަކީ 1984 ވަނަ އަހަރަށް ފަހު ލީގް މެޗެއްގައި މިލާނުން ޔުވެންޓަސް ކޮޅަށް ހަތަރު ގޯލް ޖެހި ފުރަތަމަ ފަހަރެވެ.

މިލާނަށް ދެން ކުރިއަށް އޮތީ ނަޕޯލީއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅެން އޮތް މެޗެވެ. އަނެއްކޮޅުން ޔުވެންޓަސް ނުކުންނާނީ މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އެޓަލަންޓާ އާ ދެކޮޅަށެވެ.