އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ އުސޫލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުރިހާ އެއްބާރުލުމެއްދޭނެ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ކޮންގްރެސް ބާއްވައި، ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އިންތިހާބުކޮށްފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ.

އެފްއޭއެމުން ކޮންގްރެސް ބާއްވައިފައިވަނީ އެ އެސޯސިއޭޝަންގެ ރައީސްކަން ކުރިން ކުރެއްވި، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެއް މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން ބަލަމުން އަންނާތީ، އެ އިންތިޚާބު ފަސްކޮށްދިނުމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން އެދިފައި ވަނިކޮށެވެ.

އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނަނީ ހިންގާ ގަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މިއަދު އިޖުތިމާޢީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބައްސާމް ވިދާޅުވީ އެފްއޭއެމް އިން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހަށް ކަންކަން އޮޅުންފިލުވައިދީ މައުލޫމާތު ސާފުކޮށްދިނުން ކަމަށެވެ. އަދި އެފްއޭއެމްގެ އަމާޒަކީ ފުޓްބޯޅަ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުވުން ކަމަށާއި، ދިވެހި ރައްޔިތުން ތަމްސީލުކުރާ މެންބަރުން ކަންކަން އޮޅުންފިލުވަން ބޭނުންނަމަ، އެކަމަށް އެއްބާރުލުން ދޭން ތައްޔާރު ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފަރާތުން ވެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނަން. އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ ކަންކަން ނުބެލޭނެއޭ ކިޔާފައި ގަދަބަސް ބުނެފައި ތިބޭކަށް. އަޅުގަނޑުމެން ބޭނުންވަނީ ތިބޭފުޅުން އޮޅުންފިލުވަން އޮތް މައުލޫމާތެއް ސާފުކޮށްދިނުން. އަޅުގަނޑުމެންގެ އަމާޒަކީ ފުޓްބޯޅަ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުވުން. އެ ގޮތުގައި އަޅުގަނޑުމެން ތިބޭއިރު ދިވެހި ރައްޔިތުން ތަމްސީލުކުރާ މެމްބަރުން ކަންކަން އޮޅުންފިލުވަން ބޭނުންނަމަ އަޅުގަނޑުމެން މި ތިބީ އެއްބާރުލުން ދޭން ތައްޔާރަށް،" ބައްސާމް ވިދާޅުވި އެވެ.

މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ނުބެލޭނެ ކަމަށާއި، އެއްވެސް މައްސަލައެއް ބަލާނަމަ އެކަމެއް ކުރިއަށް ގެންދެވޭނީ ސްޕޯޓްސް ކޮމިޝަން މެދުވެރިކޮށް ކަމަށެވެ.

އާޒިމް ހުށަހެޅި ގަރާރާ ބެހޭ ގޮތުން އިއްޔެ ބޭއްވި އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ވަނީ ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ.

އިއްޔެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފް ވިދާޅުވީ، އެފްއޭއެމްގެ އިންތިހާބު ފަސް ކުރަން އެންގުމަކީ ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެގޮތަށް އެންގީ މަޖިލީހުން އެގޮތަށް އެދުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާދިލް

    ޕީޕީއެމް ކެމްޕެއިންނަށް އެފްއޭއެމް އިން ޚަރަދުކޮށް އެފްއޭއެމް އިމާރާތުގައި ޕީޕީއެމް ނުވަތަ ޔާމީން ކެންޕެއިން އޮފީސް ހިންގީވެސް ޤަވާދުގައި އެހެން އޮންނާތީދޯ؟ އެވާހަކަތަކަށް އެއްޗެކޭ ނުބުނީ ކީއްވެ؟؟