ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަކީ ކޮރުޕްޝަންގެ ހުރިހާ އަމަލުތަކުން ސަލާމަތްވެފައިވާ އިދާރާއެއް ކަމަށާއި އެފަދަ ކަންތައް އެ އިދާރާގެ ތެރޭ ހިނގައިދިޔަ ނުދޭނެ ކަމަށް ދާދި ފަހުން އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ބައްސާމް މިއަދު ހާޒިރުކުރި އިރު، މެމްބަރުން އަމިއްލަ އަށް ސާފުކުރަން ބޭނުންވި ކަންތައްތަކާ ބެހޭގޮތުން ބައްސާމް ވަނީ ޖަވާބުދާރީވެވަޑައިގެންފަ އެވެ. މީގެ އިތުރުން މިފަހަކަށް އައިސް އެފްއޭއެމްއަށް ތުހުމަތު ކޮށްފައިވާ ގިނަ ކަންތައްތަކަށް ވެސް ބައްސާމް ވަނީ މިއަދުގެ ކޮމެޓީގައި ރައްދު ދެއްވައިފަ އެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އެފްއޭއެމް އިދާރާގެ ތެރޭގައި ހިނގާ ކަމަށް ބުނާ ކޮރަޕްޝަނުގެ އަމަލުތަކަކީ ހަގީގަތާ ޚިލާފު ތޯތޯ ވާހަކަތަކެއް ކަމަށެވެ. އަދި އެފްއޭއެމަކީ ކޮރަޕްޝަނުގެ ނުބައި އާދައިން ސަލާމަތްވެފައި އޮންނަ ތަނެއް ކަމަށާއި އެތަނަކީ ގަވާއިދުން އޮޑިޓް ހެދެމުންދާ އިދާރާއެއް ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

"އެއް އިރެއްގައި ވަކި ބަޔަކު ވަކި ގޮތަކަށް ކަންތައް ކުރީއޭ ކިޔާފައި މިހާރު އެގޮތަށް އަމަލު ކުރާނޭ ކަމަށް ދެެކޭ ދެކުން ބަދަލުވާން އެބަޖެހޭ. ގޯސްކޮށް ކަމެއް ދަންޏާ ބެލުން އެއީ ރަނގަޅުކަމެއް. ފާރަވެރިވާ ބަޔަކު ވެސް ތިބެންޖެހޭ. މުޅިތަން އަޅުގަނޑު ހިތުހުރި ގޮތަކަށް ގެންދާކަށް އަޅުގަނޑު ވެސް ބޭނުމެއް ނޫން. ބޭނުން ގޮތަކަށް އަޅުގަނޑުމެން ދޫވެފައި ތިބޭކަށް. ޖެނެރަލް ޕަބްލިކްގައި ވަރަށް ގިނަ ރޫމާސް އެބައުޅޭ. އެއީ ހަމަ ތޯތޯ ވާހަކަތަކެއް. އަޅުގަނޑު ޔަގީންކަން ދެން ކޮންމެ އަހަރަކުވެސް ތިން ފަރާތަކުން އަޅުގަނޑުމެންގެ އޮޑިޓް ކުރާނެ. ފީފާގެ ފަރާތުން އޮޑިޓް ހެދޭނެ. އޭއެފްސީގެ ފަރާތުން އޮޑިޓްތައް ހެދިގެން ދާނެ. އަދި އަޅުގަނޑުމެން އައްޔަން ކޮށްފައިވާ އޮޑިޓާގެ ފަރާތުން ކޮންމެ އަހަރަކުވެސް އޮޑިޓްތައް ހެދިގެންދާނެ،“ ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމަށް ހެދޭ ހުރިހާ އޮޑިޓެއް ވެސް އެ އިދާރާގެ މެމްބަރު ކުލަބުތަކަށާއި، އެ އިދާރާގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނާއެކު ގަވާއިދުން ހިއްސާ ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައޮފްބެ

    އެހެންތަ.. މިނިވަން ލޯފާމަކުން އޯޑިޓްކުރަން ގޮވާލަން އޭރުން އިގޭނެ!!

    4
    4
  2. ސަހަރޯ

    ސާބަހޭ ބައްސާމް.. ގުންޑާ އެމްޑީޕީގެ ޕަޕެޓަކަށް ނުވާތި

    1
    1
  3. ޢަހާ

    ތިވާހަކަ ގަބޫލު ކުރަނީކާކު