އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ނިއުކާސަލްއާ ދެކޮޅަށް ކުޅެ މެންޗެސްޓަ ސިޓީން ބޮޑު މޮޅެއް ހޯދައިފިއެވެ.

އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗް ސިޓީން ކާމިޔާބުކުރީ 5-0 އިންނެވެ. މި މޮޅާއެކު ސިޓީ ވަނީ 34 މެޗުން 69 ޕޮއިންޓް ހަމަކޮށްފައެވެ. އެ ޓީމް ދެވަނައިގައި އޮތްއިރު އެއްވަނައިގައި ޗެމްޕިއަން ލިވަޕޫލް އޮތީ 33 މެޗުން 89 ޕޮއިންޓް ހޯދައިގެންނެވެ. ރޭ ސިޓީ އަތުން ބަލިވި ނިއުކާސަލް އޮތީ 43 ޕޮއިންޓާއެކު 13 ވަނައިގައެވެ.

ނިއުކާސަލް ކޮޅަށް ސިޓީން ޖެހި ފުރަތަމަ ގޯލް މެޗް ފަށައިގެން 12 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގެބްރިއެލް ޖެސުސްއެވެ. އޭގެ ފަހުން 21 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ގޯލް ކެވިން ޑެބްރައިން ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ ރިޔާދް މަހްރޭޒްއެވެ.

ސިޓީގެ ތިންވަނަ ގޯލަކީ ނިއުކާސަލްގެ ޑިފެންޑަރު ފެޑެރީކޯ ފާނަންޑޭސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗްގެ 65 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ސިޓީގެ ހަތަރުވަނަ ގޯލް ކާމިޔާބުކުރި އިރު މެޗްގެ އިތުރު ވަގުތުގައި ސިލްވާ ދިން ބޯޅައަކުން އެޓީމްގެ ފަސްވަނަ ގޯލް ޖެހީ ރަހީމް ސްޓާލިންގްއެވެ.

ރޭގެ މެޗްގައި ސިޓީގެ އަލްޖީރިއާ ފޯވަޑް މަހްރޭޒް ކާމިޔާބުކުރި ގޯލާއެކު މި ސީޒަންގައި އެ ޓީމްގެ ފަސް ކުޅުންތެރިޔަކު ވަނީ މަދުވެގެން 10 ގޯލް ލީގުގައި ކާމިޔާބުކޮށްފައެވެ. އެއީ 16 ގޯލް ޖަހާފައިވާ ސާޖިއޯ އަގުއެރޯ، 13 ގޯލާއެކު ރަހީމް ސްޓާލިންގް، 11 ގޯލާއެކު ކެވިން ޑެބްރައިން، 11 ގޯލާއެކު ގެބްރިއެލް ޖެސުސް އަދި 10 ގޯލް ކާމިޔާބުކޮށްފައިވާ މަހްރޭޒްއެވެ. މިއީ 1984 ގައި މި ކާމިޔާބީ ހޯދި އެވަޓަން އަށްފަހު ޕްރިމިއަ ލީގް ސީޒަނެއްގައި ޓީމެއްގެ ތަފާތު ފަސް ކުޅުންތެރިޔަކު 10 ގޯލް ފަހަނައަޅައިދިޔަ ފުރަތަމަ ފަހަރެވެ.