އިނގިރޭސި ޕްރިމިއަ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ރޭ ކުޅުނު މެޗް ކާމިޔާބުކޮށް ލިވަޕޫލުން މެންޗެސްޓަ ސިޓީގެ ޕޮއިންޓް ރެކޯޑް މުގުރާލުމާ ކައިރިއަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅެ 3-1 އިން ބްރައިޓަން ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު ލިވަޕޫލްގެ ޖުމްލަ ޕޮއިންޓް އަދަދު ވަނީ 92 އަށް އަރައިފައެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު ޕްރިމިއަ ލީގް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓް ހޯދައިގެން މެންޗެސްޓަ ސިޓީން މީގެ ދެ އަހަރު ކުރިން ހެދި ރެކޯޑް މުގުރާލުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. ސިޓީން 2017-18 ވަނަ ސީޒަންގެ ޗެމްޕިއަންކަން ހޯދީ 100 ޕޮއިންޓާއެކު އެވެ. ލިވަޕޫލް އެޓީމް ދެން ކުޅެން ޖެހޭ ހުރި ހުރިހާ މެޗަކުން މޮޅުވެއްޖެނަމަ އެޓީމަށް 104 ޕޮއިންޓް ހަމަކުރެވޭނެއެވެ.

ރޭ ބްރައިޓަން ކޮޅަށް ލިވަޕޫލުން ޖެހި ތިން ގޯލަކީ ވެސް އެޓީމްގެ މިސްރު ވިންގާ މުހައްމަދު ސަލާހުގެ ހިއްސާއާއެކު ކާމިޔާބުކޮށްފައިވާ ގޯލްތަކެވެ. މެޗް ފަށައިގެން 6 ވަނަ މިނެޓުގައި ނަބީ ކެއިޓާގެ އެހީތެރިކަމާއެކު ސަލާހު ބްރައިޓަންގެ ގޯލު ފޫއަޅުވާލައި ފުރަތަމަ ގޯލް ޖެހިއިރު އޭގެ ދެ މިނެޓް ފަހުން ލިވަޕޫލްގެ ދެވަނަ ގޯލް ޖޯޑަން ހެންޑަސަން ޖެހީ ސަލާހު ދިން ޕާހަކުންނެވެ. ލިވަޕޫލްގެ ތިންވަނަ ގޯލް އަދި މިސީޒަންގައި ސަލާހު ޖެހި 19 ވަނަ ލީގް ގޯލް އޭނާ ކާމިޔާބުކުރީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ފުލްބެކް އެންޑީ ރޮބަޓްސަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ރޭ ކާމިޔާބުކުރި ގޯލްތަކާއެކު ސަލާހު ވަނީ ޕްރިމިއަ ލީގް ލަނޑު ލިސްޓުގެ ތިންވަނަ އަށް ޖެހިލައިފައެވެ. މި ލިސްޓުގެ އެއްވަނައިގައި 22 ގޯލާއެކު ލެސްޓާ ސިޓީގެ ޖޭމީ ވާޑީ އޮތްއިރު ދެވަނައިގައި އޮތީ 20 ގޯލާއެކު އާސެނަލްގެ ޕިއެރެ އެމެރިކް އޮބާމެޔަންގްއެވެ.

ލިވަޕޫލަށް ދެން ކުރިއަށް އޮތީ ބާންލީއާ ދެކޮޅަށް އެންފީލްޑުގައި އަންނަ ހޮނިހިރު ދުވަހު ކުޅެން އޮތް މެޗެވެ.