ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ލަފާފުޅު ހޯދުމަށް، ރައީސް އޮފީހަށް ސިޓީއެއް ފޮނުވަން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމައިފި އެވެ.

އެސްއޯއީ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެފައިވަނީ ސްޕޯޓްސް ކޯޕަރޭޝަނަކީ ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިންގާ ކުންފުންޏެއް ކަމަށާއި، އެ ކުންފުނިން އެކަށީގެންވާ ފައިދާއެއް ނުލިބޭ ކަމަށެވެ. އަދި ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަންޖެހޭ ތަނެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ޕްލޭނާ އެއް ގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަން އުވާލަން ހުށަހަޅަން ނިންމާފައިވާ ކަމަށާއި މި އަހަރު ތެރޭގައި ކުޅިވަރު ގާނޫނަށް ގެނެވޭ ބަދަލުގެ ތެރެއިން އެކަން ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކުޅިވަރުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތުގެ އެއް ބައި ކަމަށްވާ ކުޅިވަރު އެސޯސިއޭޝަނުން ހޯދަން ޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

މި މަައްސަލަ އިތުރަށް ދިރާސާ ކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ނިހާދު ހުށަހެޅުއްވީ ސަރުކާރުގެ ސިޔާސަތު ސާފު ކުރުމުގެ ގޮތުން ރައީސް އޮފީހަށް ސިޓީއެއް ފޮނުވުމަށެވެ. ނިހާދުގެ ހުށަހެޅުއްވުމާ އެއް ގޮތަށް ސްޕޯޓްސް ކޯޕަރޭޝަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތު ސާފު ކުރުމަށް ރައީސް އޮފީހަށް ސިޓީ ފޮނުވަން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުޅިވަރު ޤާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސްޕޯޓްސް ކޯޕަރޭޝަން އުފައްދާފައިވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަށް އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    މާކުރިންވެސް ބޭރުކުރަންޖެހޭ މީހެއް! ބަންގާޅިން ލައިގެންތޯ ސްޕޯޓުސް ހިންގަނީ! ދިވެހި ރާއްޖޭގައި ބަންގާޅުމިހުން ގެނައުން އާއުސްމިންތަކަށް ގެންދިޔައީ ކާކުތޯ ބަލަންޖެހޭ!!!

  2. ނިކަމެތި މީހާ

    މާއްޓޭ ދޫ ނުދިނިއްޔާ މިފަހަރު މަޚްލޫފް ފެއިލްވާނެ! ޤާނޫނަށްވުރެ މަތީގައި ހުންނަން މަޚްލޫފް މަސައްކަތް ކުރަނީ!