ބްރައިޓަންގެ މައްޗަށް 1-3 އިން ކުރި ހޯދާ ޕްރިމިއާ ލީގުގައި ޗެލްސީން ހަދާފައިވާ ތިން ރެކޯޑެއް މެންޗެސްޓަރ ސިޓީން މުގުރާލައިފިއެވެ.

ރޭގެ މޮޅާއެކު ސިޓީން މުގުރާލާފައިވާ ތިން ރެކޯޑަކީ ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމުގެ ރެކޯޑާއި އެންމެ ގިނަ މޮޅު އަދި އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑެވެ.

މި ތިން ރެކޯޑު ވެސް މީގެކުރިން އޮތީ ޗެލްސީގެ އަތުގައި ކަމަށްވާއިރު އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދުމުގެ ރެކޯޑު ޗެލްސީން ގާއިމުކުރީ 05-2004 ވަނަ އަހަރުގެ ސީޒަނުގައި 95 ޕޮއިންޓު ހޯދައިގެންނެވެ. ރޭގެ މެޗުން ހޯދި މޮޅާއެކު ސިޓީ އަށް މިހާރު ވަނީ 97 ޕޮއިންޓު ލިބިފައެވެ.

ޕްރިމިއާ އެންމެ ގިނަ މޮޅު ހޯދުމުގެ ރެކޯޑު ޗެލްސީން ގާއިމުކުރީ މިދިޔަ ސީޒަނުގައި 30 މޮޅު ހޯދައިގެންނެވެ. ރޭގެ މޮޅަކީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީން ހޯދި 31 ވަނަ މޮޅެވެ.

މީގެއިތުރުން އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑު ޗެލްސީން ގާއިމުކުރީ 10-2009 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ސީޒަނުގެ ޕްރިމިއާ ލީގުގައި ޗެލްސީން ވަނީ 103 ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ގޯލާއެކު ލީގުގައި ސިޓީން ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 105 އަށް އަރާފައެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީން މިފަހަރު ހޯދިއިރު އެޓީމުގެ މިހާރު އަމާޒު ހުރީ 100 ޕޮއިންޓާ އެކު ލީގު ނިންމާލުމަށް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ރޭ ވަނީ ބުނެފައެވެ. ލީގުގެ ފަހު މެޗުގައި ސިޓީން ނިކުންނާނީ ސައުތްހެމްޓަންއާ ދެކޮޅަށެވެ.

"މި ރެކޯޑުތަކަށް ބަލާލުމުން މި ސީޒަނުގައި އަހަރުމެން ކުރި މަސައްކަތް ވަރަށް ރަނގަޅަށް ފެނިގެން އެބަދޭ. އަހަރުމެން މިހާރު ބޭނުންވަނީ 100 ޕޮއިންޓާ އެކު ވަރަށް ފުރިހަމަ ގޮތަކަށް މި ސީޒަން ނިންމާލަން" ގާޑިޔޯލާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީ އަށް ތިން ގޯލު ކާމިޔާބުކޮށްދިނީ ޑެނީލޯ އާއި ބަނާޑޯ ސިލްވާގެ އިތުރުން ފާނަންޑީނިއޯއެވެ. އަދި ބްރައިޓަންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އުޖޯއާއެވެ.