5-1 އިން ވިޔަރެއާލްގެ މައްޗަށް ހޯދި މޮޅާއެކު، ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

ބާސާ އިން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާއިރު އެ ޓީމު އެއް ވަނައިގައި އޮތީ 90 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 75 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު 72 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.

ސްޕެނިޝް ލީގުގައި 36 މެޗު ކުޅެ ނިމުނުއިރު ލީގު މެޗަކުން ބާސާ އަދި ބަލިވެފައެއް ނުވެއެވެ. ބަލިނުވެ ސްޕެނިޝް ލީގު ނިންމާލާ ފުރަތަމަ ޓީމުގެ ރެކޯޑް ހެދުމަށް ބާސެލޯނާ އަށް ބާކީ ދެން އޮތީ އެންމެ ދެ މެޗެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ބާސާގެ ދެވަނަ ގޯލު ޕައުލީނިއޯ ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލިއޮނަލް މެސީ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ވިޔަރެއާލް އިން ގޯލެއް ކާމިޔާބުކުރި ނަމަވެސް ބާސާ އިން ވަނީ ފަހުން އިތުރު ދެ ގޯލު ކާމިޔާބުކޮށްފައެވެ. މި ދެ ގޯލުވެސް ބާސާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ޑެމްބެލޭއެވެ.

ބަލިނުވެ ސްޕެނިޝް ލީގު ނިންމާލާ ފުރަތަމަ ޓީމުގެ ރެކޯޑު ހެދުމަށް ބާސާ އިން އަމާޒު ހިފާފައިވާއިރު، ސްޕެނިޝް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމުގެ ރެކޯޑް ބާސާ އިން ދާދިފަހުން ވަނީ ހަދާފައެވެ.

ލީގުގައި ބާކީ ދެން އޮތީ އެންމެ ދެ މެޗު ކަމަށްވާއިރު އެ ދެ މެޗުގައި އެޓީމު ނިކުންނާނީ ލެވާންޓޭ އާއި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ.

ބާސާ ރޭ މޮޅުވިއިރު ވާދަވެރި ރެއާލް މެޑްރިޑް ރޭ ވަނީ ސެވިއްޔާ އަތުން 2-3 އިން ބަލިވެފައެވެ.