އިޓަލީގެ އިންޓަ މިލާނުން އިންގްލަންޑުގެ ޗެލްސީ އަށް ކުޅެމުން އަންނަ ފޯވަޑް އޮލިވިއެ ޖިރޫޑް އާއި ޑިފެންޑަރު އެމާސަން އަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އިންޓަ އޮތީ ޗެލްސީގެ ފުލްބެކް އެމާސަން ހޯދުމަށް 19 މިލިއަން ޔޫރޯ ދޭން ތައްޔާރަށެވެ. ޗެލްސީގައި ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ކަމަށް އެމާސަން މީގެ ކުރިން ބުނި ނަމަވެސް މިފަހަކަށް އައިސް ޗެލްސީގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ ކްލަބް ބަދަލު ކުރުމުގެ ވިސްނުން އޭނާ ގެންގުޅެފާނެ ކަމަށް ބެލެވެއެވެ.

އެމާސަން އެންމެ ފަހުން ފުރަތަމަ އެގާރައިގައި ހިމެނިގެން ޕްރިމިއަ ލީގް މެޗެއް ކުޅެފައިވަނީ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އޭނާގެ ބަދަލުގައި ފްރެންކް ލަމްޕާޑުގެ ފަސްޓް ޗޮއިސް ޑިފެންޑަރުގެ ގޮތުގައި ފުރުސަތު ލިބުނީ މާކޮސް އަލޮންސޯ އަށެވެ.

ޗެލްސީން އަންނަނީ އެޓީމްގެ ޑިފެންސް ރަނގަޅު ކުރުމުގެ ގޮތުން ލެސްޓާގެ ބެން ޗިލްވެލް ހޯދުމުގެ މަސަތްކަތް ކުރަމުންނެވެ. ޗެލްސީން މިފަހަރު އަލަށް ހޯދި ދެ ކުޅުންތެރިންނަކީ ވެސް ރިލީޒް ކްލޯސް ދައްކައިގެން ހޯދާފައިވާ ކުޅުންތެރިންނެވެ. ޗިލްވެލްގެ ކޮންޓްރެކްޓުގައި ރިލީޒް ކްލޯސް އެއް ނުހިމެނޭތީ އޭނާ ގަތުމުގައި ޗެލްސީ އަށް އުނދަގޫތަކަކާ ކުރިމަތިވާނެއެވެ. ލެސްޓާ އިން މިހާތަނަށް ޗިލްވެލް އަށް އަގެއް ކަނޑައަޅާފައިވާ ނުވިނަމަވެސް 23 އަހަރުގެ ޑިފެންޑަރުގެ އަގު މާކެޓުގައި ބޮޑުވާނެ ކަމަށް ބެލެވެއެވެ. ޗިލްވެލް ލިބިއްޖެނަމަ ޗެލްސީން އިންޓަ އަށް އެމާސަން ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

އެމާސަންގެ އިތުރުން އިންޓަގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ލިސްޓުގައި ދެން އޮތީ ފްރާންސްގެ ފޯވަޑް ޖިރޫޑް އެވެ. މިދިޔަ ޖެނުއަރީ މަހު އިންޓަ އަށް ޖިރޫޑް ބަދަލުވުމާއި މެދު ދެ ކްލަބުން އެއްބަސްވި ނަމަވެސް އޭނާގެ ރިޕްލޭސްމަންޓެއް ޗެލްސީ އަށް ނުލިބުމުން އެޓީމުން ފަހު ވަގުތު އެ ޑީލް ބްލޮކް ކުރީއެވެ. އޭގެ ފަހުން ޗެލްސީން ވަނީ ޖިރޫޑްގެ ކޮންޓްރެކްޓަށް އިތުރު އެއް އަހަރު އިތުރުކޮށްފައެވެ.