މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ކޯޗުކަމާ ހަވާލުވި އިސްމާއީލް މަހުފޫޒް (އިންމަ) އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ވަނީ ކޯޗު އިންމަ ކުރިއަށް އޮތް ސީޒަނުގައި އެ ކްލަބުގައި މަޑުކުރަން ނިންމާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި އަލަށް ވާދަކުރަން ފެށި ދަ ގްރާންޑޭއާ އެކު އިންމަ ވަނީ ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އިންމަގެ އިރުޝާދުގެ ދަށުން އެޓީމުން ލީގު ނިންމާލީ ފަސް ވަނައިގައި އޮވެ އެވެ.

ލީގުގައި ކުޅުނު 21 މެޗުގެ ތެރެއިން ދަ ގްރާންޑޭ ވަނީ ހަތް މެޗުން މޮޅުވެ ހަ މެޗް އެއްވަރުކޮށް އަށް މެޗުން ބަލިވެފަ އެވެ. ލީގުގައި އެ ޓީމުން 33 ގޯލު ޖެހިއިރު ބައިކޮޅަށް ވަނީ 32 ގޯލެވެ. އެޓީމުން ސީޒަނުގައި ޖެހި ޖުމްލަ 36 ގޯލުގެ ތެރެއިން އިރާގުގެ ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު ވަނީ 17 ގޯލް ޖަހައިފަ އެވެ.

އިންމަ ކޯޗިންގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ 2006 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ މާޒިޔާ އިންނެވެ. ގިނަ އަހަރުތަކެއް ވަންދެން މާޒިޔާގެ ކޯޗުކަން ކުރުމަށް ފަހު އިންމަ އެޓީމު ދޫކޮށްލީ 2014 ވަނަ އަހަރު އެވެ. އިންމަގެ ކޯޗުކަމުގައި މާޒިޔާ އިން ހޯދި ހަމައެކަނި ކާމިޔާބީ އަކީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އެވެ.

މާޒިޔާ އަށްފަހު އިންމަ ވަނީ ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް ދެ މެޗެއްގައި ހެޑް ކޯޗުކަން ވެސް ކޮށްފަ އެވެ. ސީނިއާ ގައުމީ ޓީމަށް އިންމަ އިރުޝާދު ދިނީ ވޯލްޑް ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ނުކުތް މެޗުގަ އެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ދޫކޮށްލުމަށް ފަހު އިންމަ އަލުން މާޒިޔާގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އިންމަ މާޒިޔާ ދޫކޮށްލީ 2018 ވަނަ އަހަރުގެ ސީޒަނަށް ފަހު އެވެ. ދެން އޭނާ ހަވާލުވީ ދަ ގްރާންޑޭއާ އެވެ.