އިންގްލަންޑުގެ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން އޭނާ ވަކިވުމުގެ ކުރިން އެ ކްލަބުން ތަށިތަކެެއް ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖޯސޭ މޮރީނިއޯ ބުނެފިއެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން ފަސް އަހަރަށް ފަހު މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމަށްފަހު އެ މަގާމަށް ޕޯޗުގަލްގެ މޮރީނިއޯ ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މޮރީނިއޯ ޓޮޓެންހަމާއެކު ސޮއިކޮށްފައިވަނީ 3 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ.

އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މޮރީިނިއޯ ބުނީ ޓޮޓެންހަމުން ވަރަށް އަވަހަށް މުބާރާތްތައް ކާމިޔާބު ކުރާނެ ކަމަށާއި އެހެންނަމަވެސް އެކަން ހާސިލްކުރެވޭނީ ކެތްތެރިވެގެން ކަމަށެވެ. މޮރީނިއޯ މިސާލަކަށް ދެއްކީ ޔާގެން ކްލޮޕްގެ ލިވަޕޫލް އެވެ. މޮރީނިއޯ ބުނީ ލިވަޕޫލް މިއަދު އެ ހޯދަމުން އަންނަ ކާމިޔާބީތަކަކީ އެތައް އަހަރެއްގެ ބުރަ މަސަތްކަތް ކަމަށާއި ޓޮޓެންހަމަށް ވެސް ކުރިއަށް އޮތް ތިން އަހަރުގައި ރަނގަޅު ޓީމެއް ބިނާކޮށްގެން މުބާރާތްތައް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ޓޮޓެންހަމުން އެންމެ ފަހުން ހޯދި ތައްޓަކީ 2008 ވަނަ އަހަރު ކާމިޔާބުކުރި އިނގިރޭސި ލީގް ކަޕެވެ. އޭގެ ފަހުން ތައްޓެއް ނުލިބި 12 އަހަރުވެފައިވާއިރު އެ ރެކޯޑަށް ކުރިއަށް އޮތް ތިން އަހަރު ތެރޭ ނިމުމެއް ގެނެވޭނެ ކަމަށް މޮރީނިއޯ ގަބޫލުކުރެއެވެ.

“ޔާގެން ކްލޮޕަށް ކިތައް އަހަރު ނެގި ލީގު ކާމިޔާބު ކުރަން؟ ހަތަރު އަހަރު. ހަތަރު ސީޒަން. އެންމެ މޮޅު ޑިފެންޑަރާ އެންމެ މޮޅު ކީޕަރު އެމީހުން ހޯދީ. މިހެންގޮސް އެތަކެއް މޮޅެތި ކުޅުންތެރިންނެއް ގަނެފި. އަހަރެންގެ ފޯކަސް މިހިރީ ޓޮޓެންހަމާއެކު ހަދާފައިވާ 3 އަހަރުގެ ކޮންޓްރެކްޓަށް. އަހަރެން ގަބޫލު ކުރަން މި ތިން އަހަރު ތެރޭ މި ކްލަބުން ތަށި ހޯދާނެ ކަމަށް. އެހެން އެގޮތަށް ނުވެ މި މުއްދަތު ނިމޭފަހުން ވެސް މި ކްލަބުން ތަށި ހޯދައިފިނަމަ އަހަރެން އުފާވާނެ، “ މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އޭނާ މަސަތްކަތް ކުރަމުންދާނީ އޭނާގެ އަމިއްލަ ކުރިއެރުމަށާއި ރެކޯޑްތައް އިތުރު ކުރާކަށް ނޫން ކަމަށާއި އޭނާގެ ބޭނުމަކީ ކްލަބަށް ކަމެއް ކޮށްދިނުން ކަމަށެވެ.

ޓޮޓެންހަމް އޮތީ އިނގިރޭސި ލީގު ތާވަލުގެ ނުވަ ވަނައިގައެވެ. އެ ޓީމަށް 34 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ފައިނަލްގައި އެއްކޮޅުން ވާދަކުރި ޓޮޓެންހަމަށް އަންނަ ސީޒަންގައި މި މުބާރާތުން ޖާގަ ނުލިބޭނެކަން ގާތްގަނޑަކަށް މިހާރު ވަނީ ޔަގީންވެފައެވެ. އެ ޓީމާއި ލީގުގެ ހަތަރުވަނައިގައި އޮތް ޓީމާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.