ސްޕެނިޝް ލީގުގެ ވީއޭއާރު ނުވަތަ ވީޑިއޯ ޓެކްނޮލޮޖީ ކޮންޓްރޯލް ކުރަނީ ރެއާލް މެޑްރިޑުން ނޫން ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން ބުނެފިއެވެ.

ވަރާން މިހެން ބުނެފައި ވަނީ ފަހަކަށް އައިސް ރެއާލް ކުޅުނު މެޗްތަކުގައި ވީއޭއާރުގެ ނިންމުންތައް އެ ޓީމު ކޮޅަށް ގޮސްފައިވާތީ ސްޕެއިންގެ ރެފްރީސް ޑިޕާޓްމެންޓް ތެރޭގައި ރެއާލްގެ ނުފޫޒް އޮންނަ ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރެއާލް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އެ ޓީމަށް ޕެނަލްޓީއެއް ލިބުނުއިރު އެންމެ ފަހުން އަލާވެސްއާ ދެކޮޅަށް ކުޅުނު މެޗްގައި ރެއާލުން ޖެހި ދެ ވަނަ ގޯލުގައި ވެސް ވީއޭއާރުގެ ރޯލް ބޮޑެވެ. މެޗްގެ 50 ވަނަ މިނެޓްގައި ބެންޒެމާ ދިން ބޯޅައަކުން މާކޯ އަސެންސިއޯ ކާމިޔާބުކޮށްދިން މި ގޯލް އޮފްސައިޑް ކަމަށް ރެފްރީ ފުރަތަމަ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެ ނިންމުން ވަނީ ފަހުން ބަދަލުކޮށްފައެވެ.

"ވީއޭއާރު ކޮންޓްރޯލް ކުރަނީ ރެއާލެއް ނޫން. އަހަރެމެންގެ ކޮންޓްރޯލްގައި އޮތީ ދަނޑުމަތީގައި އަހަރެމެން ކުރާ މަސަތްކަތާ ދައްކާ ހިތްވަރުގައި. ބޭރުން ކިތަންމެ ބަޔަކު އެއްޗެކޭ ކިޔަސް ފަރުވާލެއް ނެތް. ފޯކަސް ހުރީ ދަނޑުމަތީގައި ކުރެވެން ހުރި މަސަތްކަތެއްކޮށް ހުރިހާ މެޗަކުން މޮޅުވާން،" ވަރާން ބުންޏެވެ.

ރެއާލް-އަލާވެސް މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ރެއާލްގެ ވާދަވެރި ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވިދާޅުވީ ކޮވިޑް-19 ގެ ބްރޭކަށްފަހު ލީގް ފެށި ފަހުން ވީއޭއާރު ފެނިގެންދަނީ އިންސާފުގެ ތެރެއިން ކަމަށް ގަބޫލު ނުކުރާ ކަމަށާއި ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގައި މިފަދަ ކަންކަން ހިނގާތީ ހިތާމަ ކުރާ ކަމަށެވެ.

ރޭގެ ނަތީޖާ އާއެކު ރެއާލަށް ވަނީ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ރެއާލާއި ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ލީގުގައި ބާކީ ތިން މެޗް އޮތް އިރު އޭގެ ތެރެއިން ދެ މެޗް ރެއާލުން ކާމިޔާބުކޮށްފި ނަމަ އެ ޓީމަށް ލީގު ކަށަވަރު ވާނެއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ މިރޭ ރެއާލް ވަލޮޑޮލިޑާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެ އަދި ހޯމަ ދުވަހުގެ ރޭ ގްރަނާޑާ އާ ވާދަކޮށް ކުޅޭ މެޗުން މޮޅުވެގެން ރެއާލަށް ލީގު ކަށަވަރުކުރެވޭނެއެވެ.