މިރޭ އިންގްލިޝް ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ބާންލޭ ބައްދަލު ކުރި މެޗު އެއްވަރު ވުމުން ލިވަޕޫލް ހަދާފައިވާ ރެކޯޑް ގެއްލިއްޖެ އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ. މިމެޗުން ލިވަޕޫލް އެއްވަރު ވުމާއި އެކު އެ ޓީމުގެ އަމިއްލަ ދަނޑު "އެންފީލްޑް" ގައި މި ސީޒަންގައި ޕްރިމިއާ ލީގުގައި ޕޮއިންޓެއް ނުގެއްުލުވާ ދެމެހެއްޓި ރެކޯޑް ވަނީ ގެއްލިފައެވެ.

މި މެޗުން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ލިވަޕޫލް ކޮންޓްރޯލް ކުރި އިރު މެޗުގެ މޭން އޮފްދަ މެޗް ހޯދި ބާންލޭގެ ކީޕަރު ނިކް ޕޯޕް ވަނީ ފުރަތަމަ ހާފްގައި ލިވަޕޫލްގެ ސަލާހް އަދި މާނޭ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާ ދިފާއު ކޮށްފައެވެ.

ނަމަވެސް މެޗުގެ 34 ވަނަ މިނަޓްގައި ލިވަޕޫލްގެ އެންޑްރީ ރޮބާޓްސަން ވަނީ ފަބީނިއޯ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ޖަހައި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

ލިވަޕޫލް އިން ދެވަނަ ހާފްގައި ލަނޑު ޖަހަން ލިބުނު ފުރުސަތު ތަކުގައި ބޭނުން ނުހިފުނު އިރު ބާންލޭގެ ޖޭ ރޮޑްރިގޭޒް ވަނީ މެޗުގެ 70 ވަނަ މިނަޓްގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މެޗު ނިމެން ދަނިކޮށް ބާންލޭއިން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިވަނީ ބޭރުވެފައެވެ.

މިމެޗުން ލިވަޕޫލް އެއްވަރު ވީނަމަވެސް 2017 ވަނަ އަހަރު ސިޓީއިން ހަދާފައިވާ 100 ޕޮއިންޓުގެ ރެކޯޑް ކުރިއަށް އޮތް 3 މެޗުން 8 ޕޮއިންޓް ހޯދައިގެން ލިވަޕޫލްއަށް މުގުރާލުމުގެ ފުރުސަތު އެބައޮތެވެ. މީގެ އިތުރުން ޗެންޕިއަން ލިވަޕޫލްއަށް ސިޓީ އިން ހަދާފައިވާ 32 މެޗު ކާމިޔާބު ކުރި ރެކޯޑުވެސް ކުރިއަށް އޮތް ތިން މެޗު ކާމިޔާބުކޮށްގެން ހޯދުމުގެ ފުރުސަތު އަދި އެބައޮތެވެ.