މި ސީޒަނަށްފަހު ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ގެނައުމަށް އޮސްޓްރޭލިއާގެ ކްލަބުތަކުން ޝައުގުވެރިވާ ކަމަށް އެގައުމުގެ ފުޓްބޯޅަ އިދާރާ އިން ހާމަކޮށްފިއެވެ.

ބާސާގައި 22 އަހަރު ހޭދަކުރުމަށްފަހު އެ ކްލަބު ދޫކޮށްލަން އިނިއެސްޓާ ނިންމާފައިވާއިރު އޭނާ ދެން ކުޅޭނެ ކްލަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިނިއެސްޓާ ވަނީ ޔޫރަޕްގެ އެހެން ކްލަބަކަށް ދެން ނުކުޅޭނެކަން ހާމަކޮށްފައެވެ.

އިނިއެސްޓާ ގެނައުމަށް ޗައިނާ އަދި ޖަޕާނުގެ ކްލަބުތަކުން ވެސް ޝައުގުވެރިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނާއިރު އޮސްޓްރޭލިއާގެ ކްލަބުތަކުން ވެސް އިނިއެސްޓާ ގެނައުމަށް ޝައުގުވެރިވާ ކަމަށް އެގައުމުގެ ފުޓްބޯޅަ އިދާރާގެ ޗީފް އެގްޒެކެޓިޗް ޑޭވިޑް ގަލޮފް ވަނީ ވިދާޅުވެފައެވެ.

"އިނިއެސްޓާ ގެންނަން ޝައުގުވެރިވަނީ ކޮން ކްލަބުތަކެއްކަން ހާމަކުރެވޭކަށް ނެތް. އެކަމަކު އަހަންނަށް އެނގިފަ އޮތީ އޮސްޓްރޭލިއާގެ ލީގުގެ ބައެއް ކްލަބުތަކުން އިނިއެސްޓާ ގެންނަން ޝައުގުވެރިވާކަން. މިއީ ފެށުމެއް" ގަލޮޕް ވިދާޅުވިއެވެ.

އިނިއެސްޓާ އަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުން ހުށަހެޅުންތައް އަންނާނެ ކަމަށާއި ނަމަވެސް އޮސްޓްރޭލިއާގެ ލީގަށް އައިސްފިނަމަ ވާދަވެރި ލީގެއްގައި ކުޅުމުގެ ފުރުސަތު އިނިއެސްޓާ އަށް ލިބިގެންދާނެ ކަމަށްވެސް ގަލޮޕް ވިދާޅުވިއެވެ.

އުމުރުން 33 އަހަރުގެ އިނިއެސްޓާ ވަނީ ބާސާ އަށް މިހާތަނަށް ޖުމްލަ 673 މެޗު ކުޅެދީ 57 ގޯލު ކާމިޔާބުކޮށް 142 އެސިސްޓު ހަދާފައެވެ.

ބާސާގެ ކެޕްޓަންކަން ވެސް މިހާރު ކުރަމުން އަންނަ އިނިއެސްޓާ ވަނީ އެ ކްލަބާ އެކު 32 ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި ސްޕެނިޝް ލީގު ނުވަ ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.