ޔުއެފާ އިން އިންގްލަންޑުގެ މެންޗެސްޓަ ސިޓީ އަށް ދިން ސަސްޕެންޝަން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން އުވާލައިފިއެވެ.

ޔޫރަޕްގެ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތުގައި ވާދަ ނުކުރެވޭ ގޮތަށް މެންޗެސްޓަ ސިޓީ ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. ފައިނޭންޝިއަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވާއިދާ ސިޓީން ޚިލާފުވެފައި ވާތީ އެ ކްލަބު ޔޫރަޕުގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑް ކުރުމުގެ އިތުރުން ޔުއެފާ އިން ވަނީ އޭރު 30 މިލިޔަން ޔޫރޯ އިން ސިޓީ ޖޫރިމަނާވެސް ކޮށްފައެވެ. އެހެންނަމަވެސް ސިޓީން ވަނީ މި މައްސަލައިގެ އިސްތިއުނާފް މަރުހަލާގައި ކާމިޔާބު ހޯދައިފައެވެ.

ސީއޭއެސްއިން ސިޓީގެ ސަސްޕެންޝަން އުވާލަން ނިންމާފައިވާއިރު ސިޓީގެ ޖޫރިމަނާ ވަނީ 30 މިލިޔަން ޔޫރޯއިން 10 މިލިޔަން ޔޫރޯއަށް ކުޑަކޮށްދީފައެވެ. ކޯޓުގެ ނިންމުމާއެކު މިސީޒަންގެ ޕްރިމިއަ ލީގުގެ ދެވަނަ މަގާމް ކަށަވަރުކޮށްފައިވާ ޓީމުގެ ހައިިސިއްޔަތުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް ސިޓީއަށް ވަނީ ޔަގީންވެފައެވެ.

ސިޓީގެ ތާރީހުގައި އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވި ނަމަވެސް މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާއާއެކު އެޓީމުން އަންނަނީ ފަހަކަށް އައިސް މި މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަށް ޓްރާންސްފާ ބާޒާރުގައި ބޮޑެތި ފީތަކުގައި ކުޅުންތެރިން ގަނެ ޓީމު ވަރުގަދަ ކުރަމުންނެވެ.

ސީއޭއެސްގެ ނިންމުމުގެ ކުރިން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި މައްސަލަ ސިޓީއާ އެއްކޮޅަށް ނިމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ.

އެފްއެފްޕީ ގަވާއިދާ ޚިލާފުވުމުން ޔުއެފާއިން ސިޓީއަށް ދިން އަދަބު ސީއޭއެސްއިން އުވާލިއިރު، ކުޅުންތެރިން ގަތުމުގައި މަކަރުހެދިކަން ސާބިތުވުމުން 2014 ވަނަ އަހަރު ވެސް ޔުއެފާ އިން ވަނީ ސިޓީ އަށް އަދަބުދީފަ އެވެ. އެފަހަރު އެޓީމަށް ދިން އަދަބަކީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއި ޗެމްޕިއަންސް ލީގުގައި ސިޓީން ނެރޭ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ އަދަދު މަދުކުރުމެވެ.