2022 ވަަނަ އަހަރުގައި ގަތަރުގައި ކުޅުމަށް ހަމަޖެހި ފައިވާ ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖް ގައި ދުވާލަކު ހަތަރު މެޗު ކުޅޭ ގޮތަށް ނިންމައި ފިއެވެ.

ފީފާ އިން އިއުލާން ކުރި ގޮތުގައި ގުރޫޕް ސްޓޭޖް މެޗުތަށް 12 ދުވަހަށް ދެމިގެން ދާނެއެވެ. މާޗް 2022 ވަނަ އަހަރުގައި ޓީމުތަކުގެ ގްރޫޕް ތަކާއި މެޗުތައް ކުޅޭނެ ދަނޑުތައް އިއުލާން ކުރަން ނިންމާފައި ވާއިރު މެޗުތައް ކުޅޭނެ ގަޑިތައް ފީފާއިން އިއްޔެ ވަނީ އިއުލާން ކޮށްފައެވެ.

އެގޮތުން ފުރަތަމަ ދެބުރުގެ މެޗުތައް ގަތަރުގެ ގަޑިން 13:00، 16:00 ،19:00 އަދި 22:00 ގައި ކުޅެން ވަނީ ހަމަޖެހި ފައެވެ. ރާއްޖެ އާއި ޤަތަރު ގަޑިއާއި ދެމެދު ހުންނެނީ ދެގަޑިއިރުގެ ތަފާތެކެވެ. އެހެންކަމުން މެޗްތައް ބަލަން ދިވެހުންނަށް ލިބޭނެ ގަޑިތަކަކީ މެޗްތައް ބަލަން ފަސޭހަ ގަޑިތަކަކަށް ވާނެއެވެ.

މި ބުރުގެ މެޗުތައް 8 ދަނޑެއް ގައި ކުޅުމަށް ހަމަޖެހިފައި ވާއިރު ސަޕޯޓަރުން ނާއި މީޑީއާ ތަކަށް ތާވަލް ކުރެވިފައި ވާ ގޮތުން ދުވާލަކު 2 މެޗަށް ދިޔުމުގެ ފުރުސަތު އެބަ އޮތެވެ. ވޯލްޑް ކަޕް ގްރޫޕް ސްޓޭޖް މެޗުތަކުގައި ކޮންމެ ޓީމަކަށްވެސް މެޗަކަށް ފަހު 3 ދުވަހުގެ ރެސްޓެެއް ލިބޭނެ އެވެ.

ގްރޫޕު ސުޓޭޖުގެ ފަހު ބުރާއި ނޮކްއައުޓް ސްޓޭޖުގެ މެޗުތައް ކުޅެން ހަމަ ޖެހިފައި ވަނީ ގަތަރުގެ ގަޑިން 18:00 އާއި 22:00 ގައެވެ.

މުބާރާތުގެ ފުރަތަމަ މެޗު އަލް ބެޔިޓް ސްޓޭޑިއަމް ގައި ކުޅެން ހަމަޖެހިފައި ވަނީ ނޮވެމްބަރު 21 ގައެވެ. 80000 މީހުންގެ ޖާގަ ހިމެނޭ ލުސައިލް ސްޓޭޑިއަމް ގައި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހި ފައިވަނީ 18 ޑިސެމްބަރު ގައެވެ.

ވޯލްޑް ކަޕް ކޮލިފައިން މެޗުތަށް މިހާރު ތާވަލް ކުރެވިގެން ދާ އިރު ޔޫރަޕް ގައުމު ތަކުގެ ކޮލިފައިން މެޗުތަށް ކުޅެން ހަމަޖެހި ފައިވަނީ މި އަހަރު ޑިސެމްބަރު މަހުގައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ތާވަލް އަށް އަދި ބަދަލްތަކެއް އައުން އެކަށީގެން ވެއެވެ.