އައްޑޫ ސިޓީގައި މި ދުވަސްވަރު ކުރިޔަށްގެންދިޔަ އެންމެ ފޯރިގަދަ އެއް މުބާރާތްކަމަށްވާ "ޖިއޯ ވޭވް އައްޑޫ ސިޓީ ފޫސްބޯލް ޓޯނަމެންޓް 2020" ނިންމާލައިފިއެވެ.

ޖުމްލަ 16 ޓީމަކުން ބައިވެރިވި މި މުބާރާތް ނިންމާލާފައި ވަނީ ފައިނަލުގައި "ޓީމް 99" އާއި "ޕީކީ ބްލައިންޑަރސް" ބައްދަލުކުރި މެޗުން "ޓީމް 99" މޮޅުވެ، ޗެމަޕިއަންކަން ހޯދައިގެންނެވެ. މި މުބާރާތުގެ ތިންވަނައަށް ދިޔަ ޓީމަކީ "ރޯޔަލް އެކްސައިޓާސް" އެވެ.

"ޖިއޯވޭވް ފޫސްބޯލް ޓޯނަމެންޓް 2020" ގެ ޗެމްޕިއަން ޓީީމާއި ތަށި ހަވާލުކުރަނީ

މި މުބާރާތަކީ ހިތަދޫ އިޖުތިމާޢީ މަރުކަޒުގައި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކުރިޔަށްގެންދިޔަ މުބާރާތެކެވެ. މިގޮތުން މުބާރާތުގައި އާދީއްތަ ދުވަހާއި ހޯމަ ދުވަހު ނުވަ މެޗު ކުޅެފައި ވާއިރު، އަންގާރަ ދުވަހު ހަމެޗު ކުޅެފައި ވެއެވެ. މި މުބާރާތުގެ ފޯރިގަދަ ކުއާޓާ ފައިނަލް އާއި ސެމީ ފައިނަލް އަދި ފައިނަލް ކުޅެފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ.

"ޖިއޯވޭވް ފޫސްބޯލް ޓޯނަމެންޓް 2020" ގެ ދެވަނައަށް ދިޔަ ޓީމާއި ފައިސާގެ އިނާމް ހަވާލުކުރަނީ

މި މުބާރާތަކީ ހިތަދޫ އިޖުތިމާއީ މަރުކަޒާ ގުޅިގެން އައްޑޫގެ ނަން މަޝްހޫރު ލަވަކިޔުންތެރިޔާ ހަސަން ޝަހުދާން ބާއްވާ މުބާރާތެކެވެ. ހަސަން ޝަހުދާން ވަނީ މި މުބާރާތައި ގުޅިގެން އަމިއްލަ ފަރާތެއް ކަމަށްވާ ސަބާހް ނިޒާރު އާއި ގުޅިގެން ލަވައެއްވެސް ހަދާފައެވެ.

"ޖިއޯވޭވް ފޫސްބޯލް ޓޯނަމެންޓް 2020" ގެ ތިންވަނައަށް ދިޔަ ޓީމާއި ފައިސާގެ އިނާމް ހަވާލުކުރަނީ

މިމުބާރާތުގެ ޓައިޓަލް ސްޕޮންސާ އަކީ ޖިއޯ ވޭވެވެ. އަދި މޭޖަ ސްޕޮންސާ އަކީ އައިސީއެމް މޯލްޑިވްސްއެވެ. ކޯ ސްޕޮންސަރުންނަކީ އީކުއޭޓާ ކުޒިން އަދި އެންވިވޯ ޕްލަސްއެވެ. ސްޕޮންސަރުންނަކީ އާންމު ފަރާތެއް ކަމަށްވާ އަމިން މުހައްމަދު، މިލާނޯ ފުޑް ކޯޓު އަދި ފަލްކް ސްޕޯޓްސްއެވެ.

ކާމިޔާބުކަމާއެކު ފޯރިގަދަ މި މުބާރާތް ނިންމާލުމާއި ގުޅިގެން، މުބާރާތް އިންތިޒާމްކުރި ފަރާތުން ވަނީ ސްޕޮންސަރުންނަށް ޝުކުރު އަދާކޮށްފައެވެ.

"ޖިއޯވޭވް ފޫސްބޯލް ޓޯނަމެންޓް 2020" ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފޫސްބޯލް އަކީ އައްޑޫ ގިނަ ޒުވާނުންގެ މެދުގައި މަޤުބޫލު ކުޅިވަރެކެވެ. ނަމަވެސް ހިތަދޫ އިޖުތިމާޢީ މަރުކަޒުގައި މި ކުޅިވަރު ކުޅުމަށް ބޭނުންކުރަމުންދާ ހަމައެކަނި ބޯޑުވެސް ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ޒުވާނުން މިފަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔައީ އަމިއްލައަށް އެ ބޯޑު މަރާމާތު ކޮށްގެންނެވެ. އެހެންކަމުން މުބާރާތް އިންތިޒާމްކުރި ފަރާތްތަކާއި މުބާރާތުގެ ބައިވެރިން ތިބީ ކުރިޔަށް އޮތް ތަނުގައި އާ ބޯޑެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

"ޖިއޯވޭވް ފޫސްބޯލް ޓޯނަމެންޓް 2020" ގެ ތެރެއިން

އައްޑޫ ޒުވާނުންގެ މެދުގައި މަޤުބޫލުވަމުން އަންނަ މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް "ޖިއޯވޭވް ފޫސްބޯލް ޓޯނަމެންޓް" އިންތިޒާމް ކުރި ފަރާތުން ތައްޔާރަށް ތިބިއިރު، ކުރިޔަށް އޮތްތަނުގައި ވެސް މިފަދަ ފޯރިގަދަ މުބާރާތްތައް ކުރިޔަށްދާނެކަމުގެ ޔަޤީންކަން އެފަރާތުން ވަނީ ދީފައެވެ.

"ޖިއޯވޭވް ފޫސްބޯލް ޓޯނަމެންޓް 2020" އަކީ މިހާތަނަށް އައްޑޫގައި ޒުވާނުން އިސްނަގައިގެން ކުރިޔަށްގެންދިޔަ މިފަދަ އެންމެ ފޯރިގަދަ މުބާރާތްކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިންވެސް ހިތަދޫ ޒުވާނުން ގުޅިގެން، ހިތަދޫ އިޖުތިމާޢީ މަރުކަޒުގައި ފޫސްބޯޅަ މުބާރާތްތައް ބާއްވާފައި ވެއެވެ.