އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖްގެ ބާކީ ހުރި މެޗުތަށް ރާއްޖޭގައި ކުޅުމަށް ބިޑު ކޮށްފައި ވާކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ބައްސާމް އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖްގެ މެޗުތަށް ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ބިޑު ކޮށްފައި ވާކަމަށެވެ. މި ޓުވީޓުގައި އޭނާ ވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފަށާއި ސަރުކާރަށް ދެއްވި އެއްބާރު ލުމަށް ޝުކުރު އަދާ ކޮށްފައެވެ.

އަންނަ އޮކްޓޫބަރު މަހުގައި އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ބާކީ ހުރި މެޗުތަށް އެއް ދަނޑެއް ގައި ކުޅޭގޮތަށް މިހާރު ނިންމާފައި ވާއިރު އޭއެފްސީން މި ވަގުތު އޮތީ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމުގެ ފުރުސަތު މެންބަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފަ އެވެ.

މި މެޗުތަށް ކުޅެން ހަމަޖެހިފައިވާ ތާރީހަކީ 23 އޮކްޓޫބާއިން ފެށިގެން ނޮވެމްބަރު 4 އާއި ހަމައަށް 13 ދުވަހުގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗުތަށް ކުޅެ ނިންމާ ގޮތަށެވެ.

އޭއެފްސީ ގްރޫޕް ސްޓޭޖްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގައި ރާއްޖޭގެ ދެ ޓީމެއް މިހާރު ވާދަކުރަމުން ދެއެވެ. ރާއްޖޭގެ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މި ގްރޫޕުގައި މިހެނޭ އިރު ދެން ވާދަކުރަނީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީއެވެ.

ދެކުނު އޭޝިއާގެ ޓީމުތައް ހިމެނޭ ގްރޫޕުގެ ޓީމު ތަކަށް އަދި ބާކީ 5 މެޗު ކޮންމެ ޓީމަކަށް ކުޅެން ޖެހޭއިރު އެންމެ ފުރަތަމަ މެޗުތައް 23 އޮކްޓޫބަރުގައި ކުޅޭއިރު މާޒިޔާ ނިކުންނާނީ ބަޝުންދުރާ އާއި ދެކޮޅަށެވެ. އަދި ޓީސީ ބައްދަލު ކުރާނީ ޗެންނާއީ ސިޓީއާއި އެވެ.